އެމްޓީސީސީ

ފަސް މަޝްރޫއެއްގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފި

މަރިޔަމް ޝަހުދާ

ފަސް މަޝްރޫއެއްގެ މަސައްކަތް މިނިސްޓްރީ އޮފް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗާއިން އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

މިއަދު ޕްލޭނިންގް މިނިސްޓްރީގައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގައި މިނިސްޓްރީ އިން އެމްޓީސީސީ އާއެކު ސޮއިކޮށްފައިވަނީ ހދ. ނެއްލައިދޫ ބަނދަރު އަޕްގުރޭޑް މަޝްރޫއު، ތ.މަޑިފުށި ބްރޭކްވޯޓާ ހެދުމުގެ މަޝްރޫއު، ގއ.ވިލިގިލި ބަނދަރު ފޭސް ދޭއް ހެދުމުގެ މަޝްރޫއު، މ. ވޭވަށް ބަނދަރު އަލުން ހެދުމުގެ މަޝްރޫއުގެ އިތުރުން ރ.އަނގޮޅިތީމު ބަނދަރު ސާރވޭ އަދި ޑިޒައިން ކުރުމުގެ މަޝްރޫއެވެ.

މި މަޝްރޫއުތައް އެމްޓީސީސީއާއި ހަވާލު ކުރުމުގެ އެއްބަސްވުމުގައި ޕްލޭނިންގް މިނިސްޓްރީގެ ފަރާތުން މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގް ސޮއިކުރެއްވި އިރު އެމްޓީސީސީގެ ފަރާތުން ސޮއި ކުރައްވާފައިވަނީ ކުންފުނީގެ ސީއީއޯ ހަސަން ޝާހު އެވެ.

ނެއްލައިދޫ ބަނދަރު ހެދުމުގެ މަޝްރޫއު އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭ ނިންމުމަށެވެ. މި މަޝްރޫއަށް 47.6 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ. މި މަޝްރޫއަކީ ނެއްލައިދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރުމަށް އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

މަޑިފުށި ބްރޭކްވޯޓާ ހެދުމުގެ މަޝްރޫއަކީ 6.3 މިލިއަން ރުފިއާ ގެ މަޝްރޫއެކެވެ. މަޑިފުށި ބަނދަރުގެ ބޭރު ތޮށީގެ އެތެރެ ފަޅީގައި 100 މީޓަރު އެލް ބްލޮކް ޖެހުމަށް މި މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 120 ދުވަހުގެ މުއްދަތެއްގެ ތެރޭ ނިންމުމަށެވެ.

ވިލިނގިލި ހާބަރ ފޭސް ދޭއް ހެދުމުގެ މަޝްރޫއަކީ 50 ދުވަހުގެ މުއްދަތެއްގައި ނިންމުމަށް އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. ޕްލޭނިންގް މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި މި މަޝްރޫއަކީ 10.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ވިލިނގިލި ބަނދަރުގެ އެއްގަމު ތޮށިން ބޭރު ތޮށްޓަށް އެރުމަށް ތިން މީޓަރުގެ ފުޅާމިނުގައި އަދި 1.5 ޓަނުގެ ލޮރީއަށް ދަތުރުކުރެވޭ ވަރުގެ ބްރިޖެއް އެޅާނެކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ. އަދި މި މަޝްރޫއުގެ ދަށުން ބަނދަރުގައި 346.19 މީޓަރުގެ ބޭރު ތޮށްޓެއް ޖަހާނެ ކަމަށް ޕްލޭނިންގް މިނިސްޓްރީން މައުލޫމާތު ދިނެވެ.

ވޭވަށު ބަނދަރު އަލުން ހެދުމުގެ މަޝްރޫއު މިއަދު އެމްޓީސީސީއާއި ހަވާލުކޮށްފައިވާއިރު މި މަޝްރޫއަކީ 48.8 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް ޕްލޭނިންގް މިނިސްޓްރީން މައުލޫމާތު ދެއެވެ. މި މަޝްރޫއު އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 500 ދުވަސް ތެރޭ ނިންމުމަށެވެ. މިމަޝްރޫއުގެ ދަށުން ހެދުމަށް ހަމަޖައްސާފައިވާ ވޭވަށު ބަނދަރަކީ 800 ފޫޓު 300 ފޫޓު ބޮޑުމިނުގެ ބަނދަރެއް ކަމަށް ޕްލޭނިންގް މިނިސްޓްރީން މައުލޫމާތުދެއެވެ.

އަނގޮޅިތީމުގެ ބަނދަރު ސާރވޭ އަދި ޑިޒައިން ކުރުމަށް ޕްލޭނިންގް މިނިސްޓްރީން އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 25 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ޕްލޭނިންގް މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި މި މަޝްރޫއަކީ -/305،505 ރުފިޔާގެ މަޝްރޫއެކެވެ.