ކ.މާފުއްޓާއި ކ.ގުރައިދޫގެ ބިން ހިއްކުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފި އެވެ.
މި ދެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ޕްލޭނިންގް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި ދެ މަޝްރޫއުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގް ސޮއި ކުރެއްވި އިރު އެމްޓީސީސީގެ ފަރާތުން ސޮއި ކުރައްވާފައިވަނީ ކުންފުނީގެ ސީއީއޯ ހަސަން ޝާހު އެވެ.
މިއަދު ސޮއި ކުރި އެއްބަސްވުމުގެ ދަށުން އެމްޓީސީސީން މާފުށި އަދި ގުރައިދޫގެ ބިން ހިއްކުމުގެ މަޝްރޫއު 225 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ. ޕްލޭނިން މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި ގުރައިދޫ ބިން ހިއްކުމުގެ މަޝްރޫއަށް -/85,931,168.4 ރުފިޔާ ހަރަދު ކުރެވޭނެ އެވެ. އަދި މާފުށި ބިން ހިއްކުމުގެ މަޝްރޫއަށް ހަރަދު ކުރެވޭނީ -/99,981,373.0 ރުފިޔާ ކަމަށް ޕްލޭނިންގް މިނިސްޓްރީން މައުލޫމާތު ދިނެވެ.
މަޝްރޫއުތައް އެމްޓީސީސީއާއި ހަވާލު ކުރެއްވުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޝާނާ ވިދާޅުވީ ބިން ހިއްކުމުގެ މަޝްރޫއަކީ މިއަހަރު ބަޖެޓުގައި ހިމެނިފައިވާ މަޝްރޫއުތައް ކަމަށެވެ. އެގޮތުން މާފުށީގައި 25 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު ގުރައިދޫގައި ހިއްކުމަށް ހަމަޖެހިފައިވަނީ 15 ހެކްޓަރުގެ ބިން ކަމަށް ޝާނާ މައުލޫމަތު ދެއްވިއެވެ.
މި ދެ މަޝްރޫއު އެމްޓީސީސީން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މަހާޖައްރާފު ބޭނުންކޮށްގެންނެވެ.