ތަފާތު ދެ މައްސަލައެއްގައި ވަގަށް ނެގި ދެ ފޯނު ހޯދާ ދެ މީހަކު އަތުލައިގެންފިއެވެ.
ފުލުހުން މިއަދު ބުނީ، އިއްޔެ 18:30 ހާއިރު މާލޭ މިސްކިތެއްގައި މަޤްރިބް ނަމާދުކުރަން ހުރި މީހެއްގެ ފައި ކައިރީގައި ބާއްވާފައިއޮތް އައިފޯން އެކްސްއެސްއެއް ވަގަށް ނެގި މައްސަލައެއް ރޭ 19:20 ހާއިރު ފުލުހުންނަށް ހުށަހެޅި ކަމަށެވެ. އެ މައުލޫމާތު ލިބުމާ ގުޅިގެން ފޯނު ވަގަށް ނެގި މީހާ ރޭގެ 22:29 ހާއިރު ހޯދައި ފޯނު އޭގެ ވެރިފަރާތަށް ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ނަމަވެސް އެ މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ މީހާ އަދި ހައްޔަރުކުރެވިފައިނުވާ ކަމަށް ފުލުހުން ބުނެއެވެ.
ދެވަނަ ވައްކަމުގެ މައްސަލަ ރިޕޯޓްކުރީ މިދިޔަ ހޮނިހިރު ދުވަހު މ. މުލިންނެވެ. ފުލުހުން ބުނީ، އެ ރަށު ގެ އަކުން 12000 ރުފިޔާގެ އަގުހުރި ފޯނެއް ވަގަށް ނެގި މައްސަލައެއް މިދިޔަ ހޮނިހިރު ދުވަހު ހުށަހެޅުމުން ފުލުހުން ކުރި މަސައްކަތުން އިއްޔެގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ވަގު ހޯދާފައިވާ ކަމަށެވެ. އެ މައްސަލާގައި ފުލުހުން ހައްޔަރުކުރީ 30 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އަދި އޭނާ ވަގަށް ނެގި ފޯނު ވެސް ހޯދާފައިވާ ކަމަށާއި އެ ފޯނު ފެނުނީ ފަޅު ގެއެއްގެ ތެރޭގައި ފޮރުވާފައި އޮއްވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
މި ދެ މައްސަލަ ވެސް ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.