ލޯކަލް ކައުންސިލް އިންތިހާބު މިއަންނަ އަހަރުގެ އެޕްރީލް މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
"ވަން" އަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރ އަދި ތަރުޖަމާނު އަހުމަދު އަކުރަމް ވިދާޅުވީ ކައުންސިލް އިންތިހާބު ބޭއްވޭނެ ވަކި ތާރީހެއް އަދި ކަނޑައަޅާފައި ނުވާ ކަމަށާއި ވަރަށް އަވަހަށް އިންތިހާބު ބާއްވާނެ ސީދާ ތާރީހެއް އަންގާނެ ކަމަށެވެ.
އަދި މި އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމަށް ހަމަޖައްސާފައިވަނީ މިއަންނަ ފެބްރުއަރީ މަހުގައި ކަމަށްވެސް އަކުރަމް ވިދާޅުވިއެވެ.
އަކުރަމް ވިދާޅުވީ ވޯޓު ފޮށްޓަކަށް ވޯޓު ލެވޭނީ ގިނަވެގެން 700 މީހުންނަށް ކަމަށާއި މިދިޔަ އިންތިހާބަށްވުރެ މި އިންތިހާބުގައި ވޯޓުފޮށިތައް އިތުރުކުރަން ނިންމާފައިވާކަމަށެވެ.
މި އިންތިހާބަށް މުޅި ޖުމްލަ 65 އާ 70 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ހަރަދުވާނެކަމަށް އިލެކްޝަނުން ލަފާކުރާކަމަށްވެސް އަކުރަމް ވިދާޅުވިއެވެ.