10 ރުފިޔާ އަދި 100 ރުފިޔާގެ އާ ޗާޕެއް ދައުރު ކުރުމަށް މިދިޔަ އަހަރު ނެރުނުކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭ އިން ބުނެފިއެވެ.
މިދިޔަ އަހަރު 10 ރުފިޔާ އަދި 100 ރުފިޔާގެ އާ ޗާޕެއް ދައުރު ކުރުމަށް ނެރުނު ކަމަށް އެމްއެމްއޭ އިން ބުނެފައި ވަނީ މި ދެ ނޫޓުގެ ވަގު ނޫޓުތަކެއް ދައުރުވާކަމުގެ ވާހަކައެއް ފެތުރުމާއި ގުޅިގެންނެވެ. އެމްއެމްއޭ އިން އާންމު ކުރި ގޮތުގައި މިދިޔަ އަހަރު ޖުލައި ފަހެއްގައި 10 ރުފިޔާ އަދި 100 ރުފިޔާގެ އާ ޗާޕެއް ދައުރުކުރުމަށް ނެރޭނެކަމަށް އެ އޮތޯރިޓީ އިން ވަނީ ކުރިން އިއުލާނުކޮށްފައެވެ.
އެގޮތުން މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ތިނެއްގައި ދައުލަތުގެ ހަޒާނާގައި ރައްކާކޮށްފައިވާ 10 ރުފިޔާ އަދި 100 ރުފިޔާގެ ނޫޓު ދައުރުވާ ފައިސާގެ ތެރެއަށް ނެރުނު ކަމަށް އެމްއެމްއޭ އިން މައުލޫމަތު ދިނެވެ. މިއީ އަލުން ޗާޕުކުރަން ޖެހޭ ވަރަށް ސްޓޮކް ދަށްވުމުން އަލުން ޗާޕު ކޮށްގެން ނެރުނު ނޫޓޫ ތަކެއްކަން އެމްއެމްއޭ އިން ބުނެއެވެ.
މިދިޔަ އަހަރު އަލަށް ނެރުނު 10 ރުފިޔާ އަދި 100 ރުފިޔާގެ ނޫޓުގައި ސޮއިކޮށްފައިވަނީ އޭރު އެމްއެމްއޭގެ ގަވަރުނަރުގެ މަގާމުގައި ހުރި އަހުމަދު ނަސީރު އެވެ. އޭނާ ވަނީ މިއަހަރު މަގާމުން އިސްތިއުފާ ދީފައެވެ. ފަހުން ޗާޕުކޮށް ނެރުނު ނޫޓޫތަކުގެ ތާރީހަކީ 10 މާރިޗު 2018، 22 ޖުމާދަލްއާޚިރާ 1439 ކަމަށް އެމްއެމްއޭ އިން މައުލޫމާތު ދެއެވެ.