ޚަބަރު

ކޮރަޕްޝަން ނައްތާލުމުގައި އޮޑިޓާރސް އަދި އެކައުންޓެންޓްސް ގެ ރޯލް ވަރަށް މުހިންމު

އާނިފާ ހުސެއިން ސިރާޖް

ސަރުކާރު ޒިންމާދާރުކޮށް ކޮރަޕްޝަން ނައްތާލުމުގައި އޮޑިޓާރސް އަދި އެކައުންޓެންޓްސް ގެ ރޯލް ވަރަށް މުހިންމު ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަދި ޕަބްލިކް އެކައުންޓްސް ކޮމިޓީގެ ޗެއާރ ޕާސަން މުހައްމަދު ނާޝީޒް ވިދާޅުވެއްޖެއެވެ.

ނާޝީޒް މިހެން ވިދާޅުވީ މިއަދު ބޭއްވި މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމްގައި ވާހަކަދައްކަވަމުންނެވެ.

މި ފޯރަމްގައި ވާހަކަދައްކަވަމުން ނާޝީޒް ވިދާޅުވީ ސަރުކާރު ޒިންމާދާރު ކޮށް ކޮރަޕްޝަން ނައްތާލުމަށް އެކައުންޓެންޓްސް އަދި އޮޑިޓަރްސް ގެ ރޯލް ވަރަށް މުހިންމު ކަމަށާއި ދައުލަތުގެ ފަންޑް ސަރުކާރުން ހޭދަކުރާ ގޮތް ދެނެގަތުމުގައި ޕާލިމެންޓް އަދި ޕަބްލިކް އެކައުންޓްސް ކޮމިޓީން ބަރޯސާ ވަނީ އޮޑިޓާ ޖެނެރަލް ގެ އޮޑިޓް ރިޕޯޓްތަކަށް ކަމަށެވެ. އެހެންކަމުން އެ ރިޕޯޓު ތަކުގައި ފަރުވާކުޑަވެއްޖެނަމަ ކޮރަޕްޝަނަށް މަގުފަހިވެގެންދާނެކަންވެސް ނާޝީޒް ވަނީ ފާހަގަކުރެއްވި އެވެ.

އެގޮތުން މި އޮޑިޓް ރިޕޯޓުތައް ތައްޔާރުކުރުމުގައި ކޮރަޕްޝަން ނައްތާލުމަށް އެކައުންޓެންޓުން ޕްރޮފެޝަނަލް ސްޓޭންޑަޑްސް އަށް އަމަލުކުރަން ޖެހޭ ކަމަށާއި ރަނގަޅު، ކޮލިފައިޑް މީހުން އެ ދާއިރާގެ ވަޒީފާތަކަށް ލުމަކީ މުހިންމު ކަމެއް ކަމުގައިވެސް ނާޝީޒް ވިދާޅުވި އެވެ. އޮޑިޓަރުންގެ ރިޕޯޓުތައް އެއީ ތެދު އަދި ބަރޯސާ ވެވޭނެ އެއްޗަކަށް ވާން ޖެހޭނެކަމުގައި ނާޝީޒް ވަނީ ވިދާޅުވެފައެވެ.

"ޒީރޯ ޓޮލެރެންސް ޕޮލިސީ" އެއް ރައީސް މުހައްމަދު ސާލިހް އެކުލަވާލައްވާފައިވާކަން ފާހަގަކުރައްވަމުން ނާޝިޒް ވިދާޅުވި އެ ޕޮލިސީއަށް އެފަރާތުން އެއްބާރުލުންދީ ރަނގަޅަށް އަމަލުކުރަމުންދާނެ ކަމަށާއި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާނެ ކަމަށެވެ. އެހެންކަމުން އެކައުންޓްސްތައް ތައްޔާރުކުރުމުގައި އެކައުންޓެންޓުން ވެސް އަމިއްލަ ފައިދާއަށް ނުވިސްނައި އެންމެންގެ މަަސްލަހަތަށް ވިސްނަން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގައި މިހާރު ފާސްކުރަންއުޅޭ ވިސްލް ބްލޯވާރ ބިލަކީ ކޮރަޕްޝަނާ ދެކޮޅަށް އެޅިގެންދާނެ ވަރަށްބޮޑު ފިޔަވަޅެއް ކަމަށާއި އެ ގާނޫނު ފާސް ކުރެވުމުން ގިނަ ބަޔަކު ކޮރަޕްޝަންގެ މައްސަލަ ރިޕޯޓުކޮށް ކޮރަޕްޝަން ނައްތާލުމަށް މަސައްކަތް ކުރާނެކަމަށް އުންމީދުކުރައްވާ ކަމުގައިވެސް ނާޝީޒް ވިދާޅުވިއެވެ.