ޝަހީދާ އަބްދުﷲ ސައީދު
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
"ވަން އޮންލައިން" އަށް އެނގިފައިވާ ގޮތުގައި، ޖޭއެސްސީން މި ގޮތަށް ނިންމައި މަޖިލީހަށް ފޮނުއްވީ މިއަދުގެ ވަގުތެއްގަ އެވެ. އަދި މި ނިންމުން ނިންމާފައި ވަނީ އެ ކޮމިޝަނުގެ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
ޖޭއެސްސީން މިއަދު ބުނީ، އެކޮމިޝަނުން މިއަދު ބޭއްވި 57 ވަނަ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ ފަނޑިޔާރު ކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމި ކަމަށެވެ.
މިބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ކޮމިޝަނުގެ ރައީސް އަބްދުﷲ އަރީފާއި ކޮމިޝަނުގެ ނައިބު ރައީސް މަސްތޫރު ހުސްނީ، ކޮމިޝަނުގެ މެންބަރު ރައީސް މުހައްމަދު ނަޝީދު، ކޮމިޝަނުގެ މެންބަރު ހިސާން ހުސައިން، މެންބަރު އަބްދުއްރައޫފު އިބްރާހީމް، މެންބަރު ޑރ. އަލީ ޝަމީމު، އަދި ކޮމިޝަނުގެ މެންބަރު އިބްރާހީމް ރިފްއަތެވެ.
ޖޭއެސްސީން ބުނީ ފަނޑިޔާރު އަބްދުﷲ ދީދީއާ ގުޅޭގޮތުން ކޮމިޝަނަށް ހުށަހެޅި މައްސަލަ އެކޮމިޝަނުން ތަހުގީގުކޮށް، ތަހުގީގީ ރިޕޯޓް ބަލައިގަތުމަށް ނިންމައި، ޝަކުވާ ރައްދުވާ ފަނޑިޔާރަށް ގާނޫނުގައި ބުނާ ގޮތުން ދިން 30 ދުވަހުގެ ފުރުސަތުގައި އެފަރާތުން ކޮމިޝަނަށް ލިޔުމުން ދީފައިވާ ޖަވާބުގައިވާ ކަންކަމަށް ބަލާއިރު، ތަހުގީގު ރިޕޯޓަށް ބަދަލެއް ގެންނަންޖެހޭނެ ތަނެއް އޮތް ކަމަށް ނުފެންނަ ކަމަށެވެ.
އެހެންކަމުން ފަނޑިޔާރު އަބްދުﷲ ދީދީއާ މެދު ދިވެހި ރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު ގެ 37 ވަނަ މާއްދާގެ ބ. ގައިވާ ތައުދީބީ ފިޔަވަޅުގެ ގޮތުގައި ފަނޑިޔާރު ދީދި ވަކިކުރަން ކޮމިޝަނުން ނިންމައި ރައްޔިތުންގެ މަޖަިލީހަށް ފޮނުވާފައިވާކަމަށް ޖޭއެސްސީން ބުނެފައި ވެއެވެ.