ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު

މިނިސްޓަރ އަލީ ވަހީދު މެލޭޝިއާގެ ޓުއަރިޒަމް މިނިސްޓަރާ ބައްދަލުކުރައްވައިފި

އާނިފާ ހުސެއިން ސިރާޖް

ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު މެލޭޝިއާގެ ކުއާލަލަމްޕޫރަށް ކުރެއްވި ރަސްމީ ދަތުރުގައި މެލޭޝިއާގެ ޓުއަރިޒަމް މިނިސްޓަރު މުހަމައްމަދިން ކެޓަޕީ އާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި، ދެގައުމުގެ ގުޅުން އިގުތިސާދި ގޮތުން އިތުރަށް ބަދަހިކޮށް ދެގައުމުގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ތަރައްގީ ކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން މައުލޫމާތު ދެއެވެ.

ފަސްވަނަ ވޯލްޑް ޓުއަރިޒަމް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މެލޭޝިއާއަށް ފުރާވަޑައިގެންފައިވަނީ މިމަހުގެ 25 ވަނަ ދުވަހުއެވެ.

ޔުނައިޓެޑް ނޭޝަންސް ވޯލްޑް ޓުރިޒަމް އޯގަނައިޒޭޝަން (ޔޫއެންޑަބްލިއުޓީއޯ) އިން އިންތިޒާމުކޮށްގެން ބާއްވާ ފަސްވަނަ ވޯލްޑް ޓުރިޒަމް ކޮންފަރެންސްގެ ހުޅުވުމުގެ ރަސްމިއްޔާތު އިއްޔެ ބާއްވާފައިވާއިރު މި ކޮންފަރެންސްގެ މިއަހަރުގެ ޝިއާރަކީ "ބިޔޯންޑް ޓޫރިޒަމް ބިޔޯންޑް އެކްސްޕެކްޓޭޝްން" އެވެ. އަދި މި ކޮންފަރެންސްގެ ފުރަތަމަ ސެޝަން ކުރިއަށް ގެންދިޔުމަށް ހަމަޖައްސާފައިވަނީ ''ފިއުޗާ އޮފް ޓުއަރިޒަމް - ނިއު ސޯސަސް އޮފް ގްރޯތު'' ގެ ދަށުންނެވެ.

މީގެ އިތުރުން މި ދަތުރުގައި މިނިސްޓަރު އަލީ ވަހީދު މެލޭޝިއާގެ ލިމްކޮކްވިންގް ޔުނިވާސިޓީގެ ރައީސްއާ ބައްދަލު ކުރައްވާނެ ކަމަށް ޓުއަރިޒަމް މިނިސްޓްރީން މައުލޫމާތު ދެއެވެ. މި ބައްދަލުވުމުގައި ލިމްކޮކްވިންގް ޔުނިވާސިޓީން ރާއްޖޭގެ ޓުއަރިޒަމް މިނިސްޓްރީއަށް ފަތުރުވެރިކަމުގެ ސިނާއަތުގައި އިންސާނީ ވަސީލަތް ތަރައްގީކުރުމުގެ ފުރުސަތު ފަހި ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖައްސާފައެވެ.