ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އއ އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގެން އެ ރަށު ކައުންސިލްތަކާއި ބައްދަލު ކުރައްވައިފި އެވެ.
މިނިސްޓަރު ޝާހިދު އެ އަތޮޅަށް ވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ހާއްސަ މަންދޫބެއްގެ ގޮތުން އއ. އުކުޅަހުގައި ފެށި ޓެކް ފެއަރ، އޭ.އައި މޯލްޑިވްސް އަދި ސްކީމާ 2019 މަހާސިންތާ ފައްޓަވައި ދެއްވުމުގެ އިތުރުން އުކުޅަސް ކޮންވެންޝަން ސެންޓަރު ހުޅުއްވައި ދެއްވުމަށެވެ. އިއްޔެ އުކުޅަސް ކޮންވެންޝަން ސެންޓަރު ރަސްމީކޮށް ހުޅުވާފައިވަނީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީއާއި ދިވެހި ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން 24 ދުވަހުގެ ތެރޭގައި ނިންމުމަށް ފަހުއެވެ.
އުކުޅަހަށް ކުރެއްވި ދަތުރު ނިންމަވާލެއްވުމަށްފަހު މިނިސްޓަރު ޝާހިދު ދެން ވަޑައިގެންނެވީ އެއަތޮޅު ރަސްދޫއަށެވެ. ރަސްދޫއަށް ވަޑައިގެން މިނިސްޓަރު ވަނީ ރަސްދޫ ކައުންސިލްގެ އިތުރުން އއ އަތޮޅު ކައުންސިލްގެ ބައެއް މެމްބަރުންނާއި ބައްދަލު ކުރައްވާފައެވެ.
މީގެ އިތުރުން ރަސްދޫ ވަށައިގެން ގިރަމުންދާ ބައެއް ސަރަހައްދުތައް މިނިސްޓަރު ބައްލަވާލެއްވި އެވެ. ރަށް ގިރުމުގެ މައްސަލައަށް ހައްލު ހޯދުމުގެ މަސައްކަތް ގޮސްފައިވާ ހިސާބާއި ގުޅޭ ގޮތުން މިނިސްޓަރު މައުލޫމާތު ސާފުކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ. ރަސްދޫގައި ވަށައިގެން ގިރަމުން އަންނަ ސަރަހައްދު ހިމާޔަތް ކުރުމަށް އިންޑިއާ ސަރުކާރުގެ ހިލޭ އެހީ ވަނީ ލިބިފައެވެ. އަދި މި މަސައްކަތް ކުރުމަށް މިހާރު އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ.
ރަސްދޫއަށް ކުރެއްވި ދަތުރަށްފަހު ދެން މިނިސްޓަރު ޝާހިދު ވަޑައިގެންނެވީ އެއަތޮޅު ތޮއްޑުއަށެވެ. ތޮއްޑޫ ކައުންސިލް އިދާރާގައި، މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާންގެ އިތުރުން އެ ރަށު ކައުންސިލްގެ މެމްބަރުންނާ މިނިސްޓަރު ބައްދަލު ކުރެއްވިއެވެ. މި ބައްދަލުވުމުގައި ތޮއްޑޫގައި އުފައްދާ ދަނޑުވެރިކަމުގެ ބާވަތްތައް ބޭރުގެ މާކެޓްތަކަށް ވިއްކުމާ ބެހޭ ގޮތުން މަޝްވަރާކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ. މީގެ އިތުރުން ރަށަށް ދިމާވެފައިހުރި މައްސަލަތަކާ ގުޅޭގޮތުން ކައުންސިލުން މިނިސްޓަރާ މައުލޫމާތު ހިއްސާކުރެއްވިއެވެ.
މިނިސްޓަރު ޝާހިދު ވަނީ ތޮއްޑޫ ކައުންސިލް މެންބަރުންނާ އެކު އެރަށުގައި ދަނޑުވެރިކަންކުރާ ސަރަހައްދު ބައްލަވާލައްވާފައެވެ.