އިޖުތިމާއީ ސިއްހީ އިންޝުއަރެންސްގެ ނިޒާމުގައި ހުރި މައްސަލަތައް ދެނެގަނެ، އެ ނިޒާމު ހަރުދަނާކޮށް ފުރިހަމަކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ޓައިނީ ހާޓްސް އޮފް މޯލްޑިވްސްގެ ދިހަވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހު ވިދާޅުވީ އިޖުތިމާއީ ސިއްހީ އިންޝުއަރެންސްގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތް އާސަންދަ އާއި އެންސްޕާ އިން މިހާރު ކުރަމުން އަންނަ ކަމަށެވެ.
"ސަރުކާރުން މިހާރު މަސައްކަތް ކުރަމުން މިއަންނަނީ، އިޖުތިމާއީ ސިއްހީ އިންޝުއަރެންސްގެ ނިޒާމުގައި ހުރި މައްސަލަތައް ދެނެގަނެ، އެ ނިޒާމު ހަރުދަނާކޮށް ފުރިހަމަކުރުމަށް. އާސަންދަ އާއި އެންސްޕާއިން މިހާރު އެގެންދަވަނީ އެ މަސައްކަތް ކުރައްވަމުން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ތުއްތު ކުދިން އުފަންވާ އިރު، ކުރިމަތިވާ ހިތުގެ މައްސަލަތަކަކީ ރާއްޖޭގެ ނިސްބަތުން ބަލާއިރު ސިއްހީ ބޮޑު މައްސަލައެއް ކަމަށާއި އެފަދަ ބަލިތަކުން ތުއްތު ކުދިން ރައްކާތެރިކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަކީ ދުޅަހެޔޮ މުޖުތައެއް ބިނާކުރުމުގެ ސިޔާސަތުގެ ތެރޭގައި މިހާރު ސަރުކާރުން ހިމަނާފައިވާ ކަމެއް ކަމަށެވެ.
"އެފަދަ ބަލިތަކަށް ފަރުވާ ހޯދުމަކީ އަލަތު ދަރިފުޅު ލިބޭ ދެމަފިރިންނަށް އެކަނި އުފުލޭ ވަރަށްވުރެ ބޮޑު ތަކުލީފެއް. ވަރަށް ގިނަ ހަރަދު ހިނގާ ކަމެއް،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ހިތާމައަކީ ސިއްހީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން އެފަދަ ކުދީންނަށް ފަރުވާ ކުރެވޭނެ އިންތިޒާމެއް، މިދިޔަ އަހަރުތަކުގައި ވެސް ހަމަޖައްސާފައި ނެތުން ކަމަށާއި އެކަން އެހެންވީ ބަޔަކު މީހުން އެ ނިޒާމުގެ ނަހަމަ ބޭނުން ހިފަމުން ދިއުމުން ކަމަށެވެ.
އިޖުތިމާއީ ސިއްހީ އިންޝުއަރެންސްގެ މަސައްކަތް ހަރަދަނާކޮށް ފުރިހަމަވެގެން އަންނަ އިރު، ހިތުގެ ބަލިތައް ހުންނަ ކުދިންނަށް ބޭނުންވާ ފަރުވާ އާއި އެފަދަ އާއިލާތަކަށް ބޭނުންވާ އެހީތެރިކަން ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށާއި އެކަމުގައި ޓައިނީ ހާޓްސްގެ ލަފައާއި މަޝްވަރާ ހޯއްދަވާނެ ކަމަށެވެ.