ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ދެ ނަންފުޅު، ޑރ. އަޒްމިރަލްޑާ ޒާހިރު އާއި އަލްއުސްތާޒާ އައިޝާ ޝުޖޫން މުހައްމަދަށް ރުހުން ދޭން ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ލަފާފުޅާއެކު އެ ދެ ބޭފުޅުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ރައީސް، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ މިއަދުއެވެ.
އަދި ރައްޔިތުންގެ މަޖިލީހުގެ މިރޭގެ ޖަލްސާގައި އެ މައްސަލަ އެޖެންޑާކޮށް މަޖިލީހުގެ ގަވައިދުގައި އޮންނަ ގޮތަށް، އެ ބޭފުޅުންގެ ނަންފުޅު ދިރާސާ ކުރަން ޖުޑީޝަރީ ކޮމިޓީއަށް ފޮނުވިއެވެ.
ޖުޑީޝަރީ ކޮމިޓީން މިރޭ ބޭއްވި ބައްދަލުުވމުގައި ޑރ. އަޒްމިރަލްދާ އާއި ޝުޖޫނަށް ރުހުން ދިނުމަށް ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.
ކޮމިޓީން އެ ދެބޭފުޅުންގެ ނަންފުޅަށް ރުހުން ދިން ނަމަވެސް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވީ، މަޖިލީހުގެ ގަވައިދުގައި މިހާރު އޮތް ގޮތުން ކޮމިޓީގެ ރިޕޯޓަށް ބަހުސްކޮށް ވޯޓަށް އެހުމުގެ ކުރިން ރައްޔިތުން މަޖިލީހުގެ މެމްބަރުންނަށް ތިން ދުވަސް ދޭންޖެހެއެވެ.
އެގޮތަށް ތިން ދުވަސް ދޭނަމަ، އެ މުއްދަތު ހަމަވާނީ އަންނަ ބުރާސްފަތި ދުވަހަށެވެ. ނަމަވެސް އެ ދުވަހަކީ ރައްޔިތުން މަޖިލީހުގެ މިދައުރު ނިމޭ ދުވަހެވެ.
އެކަން ފާހަގަކުރައްވާ ރައްޔިތުން މަޖިލީހުގެ ރައީސް ވިދާޅުވީ، ދައުރު ނިންމައި ޗުއްޓީއަށް ދިއުމުގެ ކުރިން ނިންމަންޖެހޭ މުހިންމު ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެހެންކަމުން ދައުރަށް އިތުރު ހަތަރު ވަރަކަށް ދުވަސް އިތުރު ކުރުން މުހިންމު ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.
ސުޕްރީމް ކޯޓަށް އިތުރު ދެ ފަނޑިޔާރުން އައްޔަން ކުރަން ޖެހުނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކުން ހަތަކަށް ބަދަލުކުރުމަށް ރާއްޖޭގެ ކޯޓްތަކުގެ ގާނޫނަށް ރައްޔިތުން މަޖިލީހުން ގެންނެވި އިސްލާހު މިދިޔަ މަހުގެ 23 ވަނަ ދުވަހު ރައީސް ތަސްދީގު ކުރެއްވުމުންނެވެ.
ނަމަވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ދެ އަންހެން ބޭފުޅުން އައްޔަން ކުރަން ޖޭއެސްސީގެ ލަފައަކަށް ރައީސް އެދިވަޑައިގަތުމުން، ފަނޑިޔާރު ކަމަށް އަންހެނުން އައްޔަން ކުރުމުގެ މައްސަލާގައި ދީނީ ބައެއް އިލްމުވެރިންގެ މެދުގައި ވަނީ ހިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ.