ޚަބަރު

އެކި ދާއިރާތައް ތަރައްގީކުރުމަށް ލޯނުގެ އެހީތެރިކަން ހޯދުމާ ބެހޭގޮތުން މަޝްވަރާކުރައްވައިފި

ފަތުރުވެރިކަމާއި މަސްވެރިކަން ފަދަ ދާއިރާތައް ތަރައްގީކުރުމުގައި ސްމޯލްގްރާންޓް އަދި ލޯނުގެ އެހީތެރިކަން ހޯދުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ ރައީސް ޓަކަހިކޯ ނަކައޯ މަޝްވަރާކުރައްވައިފިއެވެ.

އެ މަޝްވަރާތައް ކުރައްވާފައިވަނީ މިއަދު މެންދުރުފަހު ރައީސް ސޯލިހުގެ އަރިހަށް އޭޑީބީގެ ރައީސް އިހުތިރާމުގެ ޒިޔާރަތެއް ކުރެއްވުމަށް ރައީސް އޮފީހަށް ވަޑައިގެން، ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

އެ ބައްދަލުވުމުގައި ރައީސް ސޯލިހު ވަނީ 1978 ވަނަ އަހަރުން ފެށިގެން އޭޑީބީގެ އެހީތެރިކަން ރާއްޖެއަށް ލިބެމުން އަންނަކަން ފާހަގަކުރައްވައި އެކަމަށްޓަކައި އޭޑީބީގެ ރައީސަށް ޝުކުރު އަދާކުރައްވައިފައެވެ. މީގެ އިތުރުން އޭޑީބީއަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވައި އެ ބޭންކުގެ ސަބަބުން ރާއްޖޭގެ އިޖުތިމާއީ، އިގުތިޞާދީ ތަރައްގީއަށް ކުރިއެރުންތައް ލިބެމުން އަންނަކަން ފާހަގަކުރެއްވިއެވެ.

ރައީސް އޮފީހުން މައުލޫމާތު ދޭގޮތުގައި ރައީސް ސޯލިހާއި އޭޑީބީގެ ރައީސް ވަނީ އޭޑީބީއާ ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންނާއި ރާއްޖޭގެ އެންމެ މުހިންމު ދާއިރާތައް ކަމަށްވާ ފަތުރުވެރިކަމާއި މަސްވެރިކަން ފަދަ ދާއިރާތައް ތަރައްގީކުރުމުގައި ސްމޯލްގްރާންޓް އަދި ލޯނުގެ އެހީތެރިކަން ހޯދުމާބެހޭގޮތުން ވެސް މަޝްވަރާކުރައްވައިފައެވެ.

މި ބައްދަލުވުމުގައި އޭޑީބީގެ ރައީސް ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ނަފާ ވީހާވެސް ގިނަ ރައްޔިތުންނަށް ބެހިގެންދާނެ ގޮތެއްގެ މަތީން ކަންކަން އިންތިޒާމުވެފައި އޮތުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހިމެނޭ ގެސްޓްހައުން ވިޔަފާރި މިހާރަށްވުރެ ފުޅާކުރުމުގެ މުހިންމު ކަންވެސް އޭޑީބީގެ ރައީސް ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

ދެބޭފުޅުންގެ ވާހަކަފުޅުގައި، ކުރިއަށް ހުރި ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ދެމެހެއްޓެނިވި ގޮތެއްގައި ޒިންމާދާރުކަމާއެކު ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކަންކަން ކުރިއަށްގެންދެވޭނެ ގޮތްތަކާބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ.

ރާއްޖޭގެ އިގުތިޞާދީ ސިޔާސަތު ބައްޓަންކުރެވި ހަރުދަނާ ގޮތެއްގައި ކުރިއަށްދާކަން މި ބައްދަލުކުރެއްވުމުގައި އޭޑީބީގެ ރައީސް ފާހަގަކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން މައުލޫމާތުދެއެވެ.