ޚަބަރު

ސުޕްރީމް ކޯޓަށް ޝުޖޫން އާއި އަޒްމިރާލްދާ އައްޔަން ކޮށްދިނުމަށް އެދި މަޖިލީހަށް ފޮނުވައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ޑރ. އަޒްމިރަލްޑާ ޒާހިރު އާއި އަލްއުސްތާޒާ އައިޝާ ޝުޖޫން މުހައްމަދު އައްޔަން ކޮށްދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެ ދެބޭފުޅުންގެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

އެ ދެ ބޭފުޅުންގެ ނަންތައް މަޖިލީހަށް މިއަދު ފޮނުއްވާފައިވާކަން ރައީސް ސޯލިހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވަނީ "ވަން" އަށް ކަށަވަރު ކޮށްދެއްވައިފައެވެ.

ޑރ. އަޒްމިރާލްދާ އާއި ޝުޖޫން ސުޕްރީމް ކޯޓަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައި މިވަނީ، އެ މަގާމަށް އެ ދެ ބޭފުޅުންނަށް އައްޔަން ކުރެއްވުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައީސް ސޯލިހަށް ލަފާ އެރުވުމުންނެވެ.

ގާނޫނުއަސާސީ ބުނާގޮތުން ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަޣުލަބިއްޔަތުން އެ ނަންތަކެއް ފާސްވުމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ޑރ. އަޒްމިރާލްދާ އާއި ޝުޖޫން ސުޕްރީމް ކޯޓަށް އައްޔަންކުރުމާމެދު މާދަމާ ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމާނެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ދެ އަންހެން ބޭފުޅުން އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާއިރު، ފަނޑިޔާރު ކަމަށް އަންހެނުން އައްޔަން ކުރުމުގެ މައްސަލާގައި ދީނީ ބައެއް އިލްމުވެރިންގެ މެދުގައި ވަނީ ހިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ.