ޚަބަރު

ޝަރީއާ އިލްމު ނެތް މީހަކު އެންމެ މަތީ ކޯޓުގެ ފަނޑިޔާރަކަށް އައްޔަން ކުރުން ދީން ހުއްދައެއް ނުކުރޭ: ޝެއިހް ޒައިދު

ފަތޯނާ ފާއިޒު

3

ޝަރީއާ އިލްމު ނެތް މީހަކު އިސްލާމީ ގައުމެއްގެ އެންމެ އިސް ކޯޓަށް އައްޔަން ކުރުމަކީ ހުއްދަ ކަމެއް ނޫން ކަމަށް ޝެއިހު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

އަންހެން ފަނޑިޔާރުން އައްޔަން ކުރުން ހުއްދަކަމާ މެދު ދީނީ އިލްމު ލިބިވަޑައިގެންފައިވާ ބޭފުޅުން ބަހުސް ކުރައްވަމުން އަންނަ މި ދަނޑިވަޅުގައި ޝެއިހު ޒައިދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޝަރީއާ އިލްމު ނެތް މީހަކު އިސްލާމީ ގައުމެއްގެ އެންމެ އިސް ކޯޓަށް އައްޔަން ކުރުން "އެއްވެސް ހާލެއްގައި" ހުއްދަ ނުވާނެ ކަމަށެވެ.

ޝެއިހު ޒައިދު ވިދާޅުވީ އެވާހަކަ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށްޓަކައި ދަންނަވާ ކަމަށާއި އެއީ އެއްވެސް ހިލާފެއް އޮތް މައްސަލައެއް ނޫން ކަމަށެވެ. އަދި ހުރިހާ އިލްމުވެރިންވެސް އެކަމަށް އިއްތިފާގުވާ ކަމަށްވެސް ޝެއިހު ޒައިދު ވިދާޅުވިއެވެ.

ޝެއިހު ޒައިދު މިއަދު ކުރެއްވި ޓުވީޓުގައި އެހެން ވިދާޅުވެފައިވާ އިރު، އަންހެން ފަނޑިޔާރުން އައްޔަންކުރުމާ މެދު ޒައިދު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި އަންހެނުން ގާޒީ ކަމަށް އައްޔަކުރުމަކީ އިސްލާމްދީނާ ކަނޑައެޅިގެން ހިލާފު ކަމެކެވެ.

ޝެއިހު ޒައިދު މިއަދު ކުރެއްވި ޓްވީޓް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައިޝާ ޝުޖޫން މުހައްމަދާއި ޑރ. އަޒްމިރަލްދާ ޒާހިރު އައްޔަން ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު މުހައްމަދު ސޯލިހަށް މިއަދު ވަނީ ލަފާ އަރުވައިފައެވެ.

ޖޭއެސްސީން އެގޮތަށް ލަފާ ދޭން ނިންމީ މިއަދު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގައި އެގޮތަށް ފާސްކުރުމަށްފަހުއެވެ.

ޝުޖޫންއާއި އަޒްމިރަލްދާ އަކީ ޝަރީއާ އިލްމު ހޯއްދަވައިގެން ތިއްބެވި ދެބޭފުޅުންނެއް ނޫނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟