އއ.ތޮއްޑޫއިން މަހަށް ނުކުމެ އުޅުނު ބިދޭސީއަކު މަރުވެއްޖެއެެވެ.
ފުލުހުން ބުނީ މިއަދު ތޮއްޑޫގެ ދޯންޏެއްގައި މަހަށް ނުކުމެ އުޅެނިކޮށް އެ ބިދޭސީ މީހާ މަރުވުމުން ހއ. ތުރާކުނަށް ގެންގޮސްފައިވާ ކަމަށެވެ. ބަންގްލަދޭޝްއަަށް ނިސްބަތްވާ އެމީހާ މަރުވި އިރު، އޭނާ ހުރި ދޯނި އޮތީ ތުރާކުނާ ދިމާލުން ހަ މޭލު ބޭރުގައި ކަމަށް ފުލުހުން ބުނެއެވެ.
"ވަން"އަށް މައުލޫމާތު ދެއްވަމުން ތުރާކުނު ކައުންސިލްގެ ނައިބު ރައީސް ތޯހާ އަލީ ވިދާޅުވީ ބަންގްލަދޭޝް މީހާ މަސް ބާނަން ހުރި ދޯންޏަކީ ކަންނެލީގެ މަސްވެރިކަން ކުރާ ދޯންޏެއް ކަމަށެވެ. އެ ދޯނީގައި ހުރި ބަންގްލަދޭޝް މީހާގެ މެއަށް ތަދެއް އަރައިގެން އެ ދޯނި ތުރާކުނަށް އައީ އެންމެ ކައިރީގައި އޮތީ އެރަށް ކަމަށް ވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.
"ނިޔާވި މީހާގެ ހަށިގަނޑު އޮތީ މިރަށު (ތުރާކުނު) ސިއްހީ މަރުކަޒުގައި. ފުލުހުން އައިސް މިހާރު ދަނީ ބަލަމުން،" ތުރާކުނު ކައުންސިލްގެ ނައިބު ރައީސް ވިދާޅުވިއެވެ.
ފުލުހުން މިހާރު އަންނަނީ އެ ހާދިސާ ތަހުގީގު ކުރަމުންނެވެ.