ގިނަ އަދަދެއްގެ ފޯނާއި ފައިސާތަކެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ ފިރިހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ބުނީ އިއްޔެ އިރުއޮއްސި 6:01 ހާއިރު މާލޭ ބާ ޖަމާލުއްދީން ކައިރީގައި ބަޔަކު ވަގަށް ނަގައިގެން އުޅޭ ފޯނުތަކެއް ހިފައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ. އަދި ފުލުހުން އެ ސަަރަހައްދަށް ގޮސް، ދެމީހަކާ ސުވާލު ކުރުމަށްފަހު ފޯނުތަކެއް ގެންގުޅޭ ކަމަށް ތުހުމަތު ކުރެވިގެން، އެ ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސް ކުރިއިރު ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ފަސް ފޯނާއި އަތުކުރި ގަޑިއަކާއި ކުޑަ ވަޅިއަކާއި ސިމް ކާޑެއްގެ އިތުރުން، 4683 ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 34 އަހަރާއި 25 އަހަރުގެ ދެ ފިރިހެނުން ކަމަށެވެ. ފުލުހުން ބުނީ އެ ދެމީހުން ގެންގުޅުނު ސައިކަލެއްވެސް ވަގަށް ނަގާފައިވާ އެއްޗެއް ކަމަށް ބެލެވޭތީ، ޓޯކޮށްފައިވާ ކަމަށެވެ.
އެ މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.