ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް

ފަނޑިޔާރުކަން ނުކުރެވޭނެކަމަށް ބުނާ ހުއްޖަތްތަކަށް ބަލާނަމަ، އަންހެނުންނަށް ވަޒީފާއެއްވެސް އަދައެއްނުކުރެވޭނެ: މައުމޫން

ޝަހީދާ އަބްދުﷲ ސައީދު

އަންހެނުންނަށް ފަނޑިޔާރުކަން ނުކުރެވޭނެ ކަމަށް ބުނެ ބައެއް ބޭފުޅުން ދައްކަވާފައިވާ ބައެއް ދަލީލު ތަކާއި ހުއްޖަތަށް ބަލާ ނަމަ، އަންހެނުންނަށް އެއްވެސް ވަޒީފާއެއް އަދާ ނުކުރެވޭނެ ކަމަށް ކުރީގެ ރައީސް، ރައީސް މައުމޫން ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫން މިހެން ވިދާޅުވީ، ސުޕްރީމް ކޯޓަށް އަންހެން ދެ ފަނޑިޔާރުން އައްޔަން ކުރުމުގެ މައްސަލައިގައި، ދީނީ ބޭފުޅުންގެ މެދުގައި ހިޔާލުތަފާތުވުން އުފެދިފައި ވަނިކޮށް މިއަދު ނެރުއްވި ހަތް ސޮފުހާގެ ބަޔާނެއްގައެވެ.

މައުމޫންގެ ބަޔާނުގައި އަންހެނުން ފަނޑިޔާރުކަން ކުރުމަކީ، އިސްލާމް ދީނުގައި ހުއްދަ ނޫން ހަރާމް ކަމެއްކަމުގައި ވިދާޅުވާ ބޭފުޅުން ދަލީލު ދައްކަވާ އައްނިސާ ސޫރަތުގެ 34 ވަނަ އާޔަތާއި އަލްބަޤަރާ ސޫރަތުގެ 228 ވަނަ އާޔަތާއި އަލްއިމާމު ބުޚާރީގެ 4425 ވަނަ ހަދީސަށް ވެސް އަލިއަޅުއްވާލެއްވިއެވެ.

މައުމޫން ވިދާޅުވީ، އެ އާޔަތާމެދު ނަޒަރު ހިންގާލައިފި ކޮންމެ މީހަކަށް ވެސް އެ ދެ އާޔަތުގައި ބަޔާންކުރައްވާފައިވާ ހުކުމްތަކަކީ ދެމަފިރިންގެ މަސްއޫލިއްޔަތާއި ވާޖިބުތަކާއި ދެމަފިރިންގެ ހައްގުތަކާއި ދެމަފިރިންގެ ދެމެދުގައި އޮންނަންޖެހޭ ގުޅުމާބެހޭ ހުކުމްތަކެއް ކަމަށެވެ.

"މި ދެ އާޔަތުގައި އަންހެނުން ފަނޑިޔާރުކަން ކުރުމާ ބެހޭ އެއްވެސް ވާހަކައެއް ނެތެވެ. އެހެންކަމުން އަންހެނަކު ފަނޑިޔާރުކަން ކުރުމާ ދެކޮޅަށް ދެއްކޭނެ އެއްވެސް ޝަރުއީ ހުއްޖަތެއް މި ދެ އާޔަތުންކުރެ އާޔަތެއްގައި ނެތްކަން ވަރަށް ރަނގަޅާށް އެނގެއެވެ..،" މައުމޫންގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ފަނޑިޔާރުން އައްޔަން ކުރުމުގައި އަންހެނުންނާއި ފިރިހެނުންނާ ދެމެދު ތަފާތެއް ގެންގުޅުމަކީ ދީނީގޮތުން ހުއްދަވާނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

އަދި އެކިއެކި މަގާމުތައް ދިނުމާއި ވަޒީފާތައް ދިނުމުގައި ބަލަންޖެހޭނީ އެކަމަށް މީހާގެ ކުޅަދާނަކަމާއި ގާބިލުކަން ހުރި މިންވަރެއްގެ މައްޗަށް ކަމަށާއި އެމީހަކަށް ލިބިފައިވާ ތައުލީމާއި ތަޖުރިބާއާއި އަދި ސުލޫކާއި އަހުލާގުގެ މައްޗަށް ކަމަށް މައުމޫން ވިދާޅުވިއެވެ. އެހެންކަމުން ވަކި ޒަމާންތަކެއްގައި އަންހެނުންނަށް ވަކި ކަހަލަ މަގާމުތަކެއް ހަވާލުކުރެވިފައި ނުވަނީ އެ ޒަމާންތަކުގައި އަންހެނުންނާ މެދު އަޅައިނުލެވި، ތައުލީމު ހާސިލުކުރުމުގެ ފުރުސަތެއް ވެސް ނުލިބި ދިއުމުގެ ސަބަބުން މަގާމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާނުކުރެވޭނެތީ ކަމަށް މައުމޫން ވިދާޅުވިއެވެ. އަދި އެއީ އެއްވެސް ހާލެއްގައި ތޮބީއީ ގޮތުން އަންހެނުންގެ ނާގާބިލުކަމެއް ނުވަތަ އުނި ސިފަތަކެއް ހުރެގެން ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

މީގެއިތުރުން އަންހެނުން ފަނޑިޔާރުކަން ކުރުމަކީ އިސްލާމްދީނުގައި ހުއްދަ ނޫން ކަމެއް ކަމުގައި ވިދާޅުވާ ބޭފުޅުން އިތުރު ވާހަކައެއް ވިދާޅުވާކަން ފާހަގަކުރައްވައި މައުމޫން ވިދާޅުވެފައިވަނީ ކީރިތި ރަސޫލާއާއި ހަތަރު ހަލީފާއިންނާއި ބަނޫ އުންމިއްޔާގެ ހަލީފާއިންއިން ވެސް އެއްވެސް އަންހެނަކު ފަނޑިޔާރުކަމަށް އިސްކުރައްވާފައި ނުވާ ކަމަށެވެ. ހަގީގަތުގައި އެއީ ގަބޫލުކުރެވޭ ފަދަ ހުއްޖަތެއް ނޫން ކަމަށާއި އެއީ މީހަކު ނުވަތަ ބަޔަކު ވަކި ޒަމާނެއްގައި ކޮށްފައި ނުވާ ކަމަކީ ހަރާމް ކަމެއް ކަމަށް ނުވަތަ ހުއްދަ ނޫން ކަމެއް ކަމަށް ބުނާނެ ޝަރުއީ ދަލީލެއް ނުވަތަ ބުއްދީގެ ހަމައެއްވެސް ނެތް ކަމަށް މައުމޫން ވިދާޅުވިއެވެ.