އަހުމަދު މުބީން

އަދީބަށް ބޭސްފަރުވާގެ ކަންތައް ހަމަޖައްސައިދެއްވުން އެދި ރައީސަށް ދަންނަވައިފިން: މުބީން

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ބޭނުންވާ ބޭސްފަރުވާގެ ކަންކަން ހަމަޖައްސަވައިދެއްވުން އެދި ރައީސް ޔާމީނަށް ދަންނަވައިފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު މުބީން ވިދާޅުވެއްޖެ އެވެ.

އަދީބު މިހާރުން މިހާރަށް މިނިވަން ކުރަން ގޮވައިލައްވައި މުބީން ދާދި ފަހުން ޓުވީޓު ކުރައްވައިފައި ވާތީ، "ވަން އޮންލައިން" އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން މުބީން ވިދާޅުވީ އަދީބުގެ ހާލަތު ހަގީގަތުގައި ވެސް ވަރަށް ދެރަ ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އެހެން ކަމުން އޭނާ އަށް ވެސް އެއްވެސް ތަފާތުކުރުމެއް ނެތި ބޭސްފަރުވާގެ ފުރުސަތު ލިބިވަޑައިގަންނަވަން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"އަޅުގަނޑު މިހާރު ވާނީ އަދީބަށް ބޭނުންވާ ބޭސްފަރުވާގެ ކަންތައްތައް ހަމަޖައްސަވައިދެއްވުން އެދި ރައީސް ޔާމީނަށް ދަންނަވާފަ. މިހާރު މި އޮތީ ކުރީގެ ހާލަތެއް ނޫން. ހުރިހާ ކަމެއްވެސް މި އަންނަނީ ބަދަލުވަމުން. އެހެންވީމަ މިހާތަނަށް އެ ފުރުސަތު އަދީބަށް ނުލިބި އޮތަސް އަޅުގަނޑު ގަބޫލުކުރަނީ އެކަން ވެސް ހަމަޖެހެން ޖެހޭނެ ކަމަށް." މުބީން ވިދާޅުވި އެވެ.

މުބީން ވިދާޅުވީ އަދީބަށް ބޭސްފަރުވާގެ ހައްގު ލިބިދިނުން އެދި ރައީސް ޔާމީނަށް މެސެޖަކުން ދެންނެވި ނަމަވެސް، އެމަނިކުފާނު އެމެސެޖަށް ޖަވާބު ނުދެއްވާ ކަމަށެވެ.