އަހްމަދު ނިހާން ހުސައިން މަނިކު

ޕީއެންސީގެ ނައިބު ރައީސް ކަމާއި މެންބަރުކަމުން ނިހާން އިސްތިއުފާދެއްވައިފި

ޝަހީދާ އަބްދުﷲ ސައީދު

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ނައިބު ރައީސް ކަމުންނާއި މެންބަރުކަމުން، ކުރީގެ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު، އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކު އިސްތިއުފާދެއްވައިފި އެވެ.

ނިހާނު އިސްތިއުފާދެއްވިކަން އޭނާ ވަނީ މީގެ އިރުކޮޅެއް ކުރީން ކުރެއްވި ޓުވީޓެއްގައި އާންމުކުރައްވައިފަ އެވެ.

ނިހާން ފަހުން ކުރެއްވި ޓުވީޓެއްގައި ވަނީ، ކުރީގެ ކެލާ ދާއިރާގެ މެންބަރު އަލީ އާރިފާއި އިނގުރައިދޫ ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ފަލާހު ޕީޕީއެމް އިން އިސްތިއުފާދެއްވައިފި ކަމަށް ވެސް ވިދާޅުވެފަ އެވެ.

ނިހާން ޕީއެންސީން، އަލީ އާރިފާއި ފަަލާހު ޕީޕީއެމުން ވަކިވެވަޑައިގެންނެވި އިރު، ޑީއާރްޕީއަށް ވަރަށް އަވަހަށް ސިޔާސީ ގިނަ ބޭފުޅުންތަކެއް ގުޅިވަޑައިގަންނަވާނެ ކަމަށް އެ ޕާޓީގެ ލީޑަރު އަބްދުﷲ ޖާބިރު ވަނީ ވިދާޅުވެފަ އެވެ. ޕީޕީއެމްގެ ކުރީގެ މަޖިލިސް މެންބަރު، އަބްދުﷲ ރިފާއު (ބޮޗޭ) މިހާރު މަސައްކަތް ކުރައްވަނީ ޑީއާރްޕީގަ އެވެ.

މީގެ އިތުރުން، މިރޭގެ ވަގުތެއްގައި، އަލީ އާރިފާއި ފަލާހު ޖުމުހޫރީ ޕާޓީއަށް ސޮއިކުރައްވާނެ ކަމުގެ އަޑުތަކެއް ވެސް ވަނީ އަރައިފަ އެވެ. އެ ބޭފުޅުންގެ ބަހެން ލިބޭ ގޮތް އަދި ވެފައި ނުވާތީ މިވާހަކަތައް ކަށަވަރުކުރެވޭނެ ގޮތެއް ވަނީ ނުވެފަ އެވެ.

ޖުމުހޫރީ ޕާޓީއާ އަލަށް ބައެއް ބޭފުޅުން ގުޅިވަޑައިގަންނަވާތީ ބާއްވާ ރަސްމިއްޔާތެއް މިރޭ އޮންނާނެ ކަމަށާއި އެ ރަސްމިއްޔާތުގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.