ރައްޔިތުންގެ މަޖިލީހުގައި މިހާރު އަމަލު ކުރަމުންދާ ބައެއް ކަންތައްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ރައްޔިތުންގެ މަޖިލީހުގެ ގަވައިދު، އާ ގަވައިދެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ގަވައިދު މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މިހާރު އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުން، ގަވާއިދު ކޮމިޓީއާ ހަވާލު ކޮށްފައިވަނީ، 2010 ވަނަ އަހަރުން ފެށިގެން މަޖިލީހުގައި އަމަލު ކުރަމުންއައި ގަވާއިދު އިސްލާހު ކުރުމަށެވެ. ނަމަވެސް ގަވައިދު ކޮމިޓީން ގަވައިދު އިސްލާހުކޮށް މަޖިލީހުގެ ތަޅުމަށް މިއަދު ހުށަހެޅީ އާ ގަވައިދެއްގެ ގޮތުގައެވެ.
އެގޮތުން ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި އާ ގަވައިދު ފާސްކުރީ ޖަލްސާއަށް ހާޒިރުވެވަޑައިގެންނެވި 62 މެމްބަރުންގެ ތެެރެއިން 61 މެމްބަރުންގެ އިއްތިފާގުންނެވެ. ގާނޫނުއަސާސީގެ 88 ވަނަ މާއްދާގައި ބުނާގޮތުން ގަވައިދު ފާސްކުރަން 59 މެމްބަރުންގެ ވޯޓު ބޭނުންވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އާ ގަވައިދުގައި ހިމެނޭ ބަދަލުތަކުގެ ތެރޭގައި، ފުރަތަމަ ފަހަރަށް މެމްބަރުންގެ މުސާރައިން ކެނޑޭގޮތަށް ހިމެނުމާއި މަޖިލީހުގެ މެމްބަރުންގެ ފިރިމީހާ ނުވަތަ އަނބިމީހާ އަދި 18 އަހަރުނުވާ ކުދިންގެ މާލީ ބަޔާން ހުށަހަޅައި، ޝާއިއު ކުރުން ހިމެނެއެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުން ބާއްވާ ޖަލްސާތަކުގެ ތެރެއިން މަހެއްގެ މައްޗަށް ދެބައިކުޅަ އެއްބައި ޖަލްސާއަށް ހާޒިރުނުވާ މެމްބަރުންގެ މުސާރައިން 50 ޕަސަންޓް އުނިކުރެވޭ ގޮތަށްވަނީ ހިމަނައިފައެވެ. އަދި ޖަލްސާއަށް ހާޒިރުވުމުގައި އެކަށީގެންވާ އުޒުރެއްގެ ގޮތުގައި ބަލާނީ ބަލިވެގެން ބުނާ ސަލާމާއި ޗުއްޓީ ކަމަށް އާ ގަވައިދުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ޕާލިމެންޓް ގްރޫޕުތައް ހިންގުމުގެ ހަރަދު މަޖިލީހުން ދޭ ގޮތަށް ވެސް ގަވައިދުގައި ވަނީ ހިމަނައިފައެވެ.
އެގޮތުން އާ ގަވައިދުގައި ބުނާގޮތުން، ޕާލިމެންޓްރީ ގްރޫޕެއްގެ ގޮތުގައި މަޖިލީހުގައި ދަފްތަރު ކުރެވޭ، ގްރޫޕުތައް ހިންގުމަށް ބައްދަލުވުންތައް ބާއްވާނެ ތަނާއި އޮފީސް ޖާގަ އާއި އޮފީހަށް ބޭނުންވާ ވަސީލަތްތަކާއި އިންޓަނެޓް ފަދަ ވަސީލަތްތައް މަޖިލީހުގެ އިދާރާއިން ފޯރުކޮށްދޭން ޖެހޭނެއެވެ.
އަދި ޕާލިމެންޓްރީ ގްރޫޕްގެ މަސައްކަތްތައް ހިންގަން ބޭނުންވާ ހަރަދުތައް މަޖިލީހުގެ ރައީސް ހަމަޖައްސައިދޭން ޖެހޭނެ ކަމަށާއި ޕާލިމެންޓްރީ ގުރޫޕްގެ އިދާރީ އަދި ފަންނީ މަސައްކަތްތައް ކުރުމަށް ބޭނުންވާ މުވައްޒިފުން ވެސް މަޖިލީހުގެ އިދާރައިން ހަމަޖައްސައިދޭން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.
އެގޮތުން މުވައްޒިފުން ދިނުމަށް ބުނެފައިވަނީ 10 މެމްބަރުންނަށްވުރެ މަދު ޕާލަމެންޓް ގްރޫޕަކަށް އެއް މުވައްޒިފަކު އަދި 11 މެމްބަރުންނާއި 20 މެމްބަރުންނާ ދެމެދުގެ ޕާލަމެންޓް ގްރޫޕަކަށް ދެ މުވައްޒިފެކެވެ. އަދި 21 މެމްބަރުންނާއި 30 މެމްބަރުންނާ ދެމެދުގެ ގްރޫޕަކަށް ތިން މުވައްޒިފުން ދޭން ބުނެފައިވާއިރު، 30 މެމްބަރުންނަށް ވުރެ ގިިނަ ޕާލިމެންޓްރީ ގްރޫޕަކަށް ހަތަރު މުވައްޒިފުން ހަމަޖައްސައިދޭންވާނެ ކަމަށް އާ ގަވާއިދުގައި ބުނެފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުން މިނިވަން މުއައްސަސާތަކަށާއި ބޯޑުތަކަށް މެމްބަރުން އައްޔަންކުރާއިރު ކޮމެޓީގެ މަސައްކަތް ކުރިއަށް ގެންދަންޖެހޭ ގޮތަށް ވެސް ގަވާއިދުގައި ވަނީ ބަދަލުތަކެއް ގެނެސްފައެވެ.
އެގޮތުން މުއައްސަސާތަކާއި ބޯޑުތަކަށް އައްޔަން ކުރުމަށް ކޮމިޓީއަަށް ފޮނުވާ ނަން ތަކަށް މާކްސް ދިނުމުގެ ބަދަލުގައި އެ ފަރާތްތަކާ ކުރާ އިންޓަވިއުތައް ލައިވް ކުރުމަށް ގަވާއިދުގައިވަނީ ހިމަނައިފައެވެ. އަދި
އާ ގަވާއިދުގައި މެމްބަރުންގެ ކޮމިޓީ އެލަވަންސް ދޭ ގޮތަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.
އެގޮތުން ކޮމިޓީއަކުން ބާއްވާ ބައްދަލުވުންތަކުގެ ތެރެއިން 50 ޕަސަންޓު ބައްދަލުވުމަށް ހާޒިރުނުވެއްޖެނަމަ، 20،000 ރުފިޔާގެ އެލަވަންސް ލިބިވަޑައިގުނަންވާނެ ކަމަށާއި އަދި ކޮމިޓީގެ ބައްދަލުވުންތަކުގެ ތެރެއިން 50-75 ޕަސަންޓް ބައްދަލުވުން ތަކަށް މެމްބަރަކު ވަޑައިގެންފިނަމަ، ލިބިވަޑައިގަންނަވާނީ އެލަވަންސްގެ 50 ޕަސަންޓް ކަމަށް ވެސް ގަވައިދުގައި ބުނެފައިވެއެވެ.
އާ ގަވައިދުގައިވާ ގޮތުން 20،000 ރުފިޔާގެ ކޮމިޓީ އެލަވަންސް ލިބިވަޑައިގަންނަވާނީ 75 ޕަސަންޓަށް ވުރެ ގިނަ ބައްދަލުވުންތަކަށް ވަޑައިގަންނަވާ މެންބަރުންނަށް އެކަންޏެވެ.