ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް

އައްނިސާ އަދި އަލްބަޤަރާ ސޫރަތުގެ އެވިދާޅުވާ ދެއާޔަތުގައި އަންހެނުން ފަނޑިޔާރުކަން ކުރުމާބެހޭ ވާހަކައެއް ނެތް: މައުމޫން

ޝަހީދާ އަބްދުﷲ ސައީދު

1

އަންހެނުން ފަނޑިޔާރުކަން ކުރުމަކީ އިސްލާމްދީނުގައި ހުއްދަ ނޫން ހަރާމް ކަމެއް ކަމުގައި ވިދާޅުވާ ބޭފުޅުން ދަލީލެއްގެ ގޮތުގައި ވިދާޅުވާ އައްނިސާ ސޫރަތާއި އަލް ބަޤަރާ ސޫރަތުގެ އެ ވިދާޅުވާ އާޔަތުގައި، އަންހެނުން ފަނޑިޔާރުކަން ކުރުމާ ބެހޭ އެއްވެސް ވާހަކައެއް ނެތް ކަމަށް ކުރީގެ ރައީސް، ރައީސް މައުމޫން ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫން މިހެން ވިދާޅުވީ، ސުޕްރީމް ކޯޓަށް އަންހެން ދެ ފަނޑިޔާރުން އައްޔަން ކުރުމުގެ މައްސަލައިގައި، ދީނީ ބޭފުޅުންގެ މެދުގައި ހިޔާލުތަފާތުވުން އުފެދިފައި ވަނިކޮށް މިއަދު ނެރުއްވި ހަތް ސޮފުހާގެ ބަޔާނެއްގަ އެވެ.

މައުމޫންގެ ބަޔާނުގައި ވިދާޅުވީ، އެކި މައްސަލަތަކުގައި އިސްލާމްދީނުގެ ހުކުމް އޮތްގޮތް ދެނެގަތުމުގައި މައިގަނޑު އުސޫލަށް ރިއާޔަތް ކުރަންޖެހޭ ކަމަށެވެ. އެ އުސޫލަކީ ހަރާމް ކަމެއް ކަމުގައި ކީރިތި ޤުރުއާންގައި ނުވަތަ މާތް ރަސޫލާގެ ސުންނަތުގައި ސާފުކޮށް އޮޅުމެއް ނެތްގޮތަށް އަންގަވާފައި ނުވާހާ ހިނދަކު، ކޮންމެ ކަމަކީ ވެސް ހުއްދަ ކަމެއް ކަމަށެވެ. އޭގެ ހެއްކެއްގެ ގޮތުގައި މައުމޫން ދެއްވީ އަލްބަޤަރާ ސޫރަތުގެ 29 ވަނަ އާޔަތެވެ. އެ އާޔަތުގެ މާނައިގައި ބުނެފައިވަނީ:

"އެކަލާނގެއީ، ތިޔަބައި މީހުންނަށްޓަކައި ބިމުގައިވާ އެންމެހައި ތަކެތި ހެއްދެވި ރަސްކަލާނގެއެވެ. ދެން އެކަލާނގެ އުޑު ހެއްދެވުމަށް އިރާދަކުރައްވައި، އެ އުޑުތަކުގެ ހެއްދެވުން ހަތް އުޑަށް ފުރިހަމަކުރެއްވިއެވެ. އަދި އެކަލާނގެއީ ކޮންމެ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." ކަމަށެވެ.

އަދި ''އަލްހަލާލު ވަލްހަރާމް ފިލްއިސްލާމް'' (އިސްލާމް ދީނުގައި ހަލާލު ކަންތަކާއި ހަރާމް ކަންތައް) މިފޮތުގެ 21 ވަނަ ސަފުހާގައި، ޑރ. ޔޫސުފު އަލްޤަރުޒާވީ ވިދާޅުވެފައިވާ ބަސްފުޅެއް ވެސް މައުމޫންގެ ބަޔާނުގައި ފާހަގަކުރެއްވިއެވެ. އެގޮތުން އެ ފޮތުގައި ޑރ. ޔޫސުފް ވިދާޅުވެފައިވާ ކަމަށް މައުމޫން ފާހަގަކުރެއްވީ މި ބަސްފުޅެވެ.

"އިސްލާމީ ޝަރީއަތުގައި ހަރާމް ކަންތައްތަކުގެ ދާއިރާ ވަނީ ވަރަށް ބޮޑަށް ހަނިވެފައެވެ. އަދި ހަލާލު ކަންތައްތަކުގެ ދާއިރާ ވަނީ ވަރަށް ބޮޑަށް ފުޅާވެފައެވެ. އެހެނީ ގުރުއާނާއި ސުންނަތުގައި ސާފުބަހުން ކަނޑައެޅިގެން ކަމެއް ހަރާމްކަމަށް އަންގަވައިފައިވަނީ މަދު ކަންތައްތަކެވެ. އަދި އެކަމަކީ ހަލާލު ކަމެއް ކަމުގައި ނުވަތަ ހަރާމް ކަމެއް ކަމުގައި ބަޔާން ކުރައްވާފައި ނުވާ ކޮންމެ ކަމަކީ، ހުއްދަވުމުގެ އަސްލުގެ މަތީގައިވާ ކަމެކެވެ."

މައުމޫންގެ ބަޔާނުގައި އަންހެނުން ފަނޑިޔާރުކަން ކުރުމަކީ، އިސްލާމް ދީނުގައި ހުއްދަ ނޫން ހަރާމް ކަމެއްކަމުގައި ވިދާޅުވާ ބޭފުޅުން ދަލީލު ދައްކަވާ އައްނިސާ ސޫރަތުގެ 34 ވަނަ އާޔަތާއި، އަލްބަޤަރާ ސޫރަތުގެ 228 ވަނަ އާޔަތާއި، އަލްއިމާމު ބުޚާރީގެ 4425 ވަނަ ހަދީސަށް ވެސް މައުމޫން އަލިއަޅުއްވާލެއްވިއެވެ.

މައުމޫން ވިދާޅުވީ، އެ އާޔަތާމެދު ނަޒަރު ހިންގާލައިފި ކޮންމެ މީހަކަށް ވެސް އެ ދެ އާޔަތުގައި ބަޔާންކުރައްވާފައިވާ ހުކުމް ތަކަކީ ދެމަފިރިންގެ މަސްއޫލިއްޔަތާއި ވާޖިބުތަކާއި ދެމަފިރިންގެ ހައްގުތަކާއި ދެމަފިރިންގެ ދެމެދުގައި އޮންނަންޖެހޭ ގުޅުމާބެހޭ ހުކުމް ތަކެއް ކަމަށެވެ.

"މި ދެ އާޔަތުގައި އަންހެނުން ފަނޑިޔާރުކަން ކުރުމާ ބެހޭ އެއްވެސް ވާހަކައެއް ނެތެވެ. އެހެންކަމުން. އަންހެނަކު ފަނޑިޔާރުކަން ކުރުމާ ދެކޮޅަށް ދެއްކޭނެ އެއްވެސް ޝަރުއީ ހުއްޖަތެއް މި ދެ އާޔަތުންކުރެ އާޔަތެއްގައި ނެތްކަން ވަރަށް ރަނގަޅާށް އެނގެއެވެ" މައުމޫންގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟