ޝަހީދާ އަބްދުﷲ ސައީދު
އެއްވެސް ކަމެއްގައި އިސްލާމް ދީނުގެ ހުކުމް އޮތީ ކިހިނެއްތޯ ބަލަން ވެއްޖެ ނަމަ، އެންމެ ފުރަތަމަ ވެސް ބަލަން ޖެހޭނެ މައިގަނޑު ދެ އަސްލަކީ، ކީރިތި ޤުރުއާނާއި މާތް ރަސޫލާގެ ސުންނަތް ކަމަށާއި، އެ ދެ އަސްލަށް ބަލާއިރު، އަންހެނުންނަށް ފަނޑުޔާރުކަން ނުކުރެވޭނެ ކަމަށް އެއްވެސް އޮޅުމެއް ނެތް ގޮތަށް އެނގެން ނެތް ކަމަށް ކުރީގެ ރައީސް، ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ، ސުޕްރީމް ކޯޓަށް އަންހެން ދެ ފަނޑިޔާރުން އައްޔަން ކުރުމުގެ މައްސަލައިގައި، ދީނީ ބޭފުޅުންގެ މެދުގައި ހިޔާލުތަފާތުވުން އުފެދިފައި ވަނިކޮށް މިއަދު ނެރުއްވި ހަތް ސޮފުހާގެ ބަޔާނެއްގައެވެ.
ކީރިތި ގުރުއާނާއި ސުންނަތާއި ހަދީސްތަކުން ދަލީލު ދައްކަވައި ހަތް ސޮފްހާގެ މައްޗަށް ރައީސް މައުމޫން ލިޔުއްވާފައިވާ ބަޔާނުގައި ވިދާޅުވީ، ހަރާމްކަމެއް ކަމަށް ކީރިތި ގުރުއާނުގައި ނުވަތަ ރަސޫލާގެ ސުންނަތުގައި ސާފުކޮށް އޮޅުމެއް ނެތް ގޮތުގައި އަންގަވާފައި ނުވާހާ ހިނދަކު، ކޮންމެ ކަމަކީވެސް ހުއްދަކަމެއް ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވި ގޮތުގައި އަންހެނުން ފަނޑިޔާރުކަން ކުރުމަކީ ހުއްދަކަމެއް ނޫންކަމަށް ވިދާޅުވާ ބޭފުޅުން ހަވާލާ ދެއްވާފައިވާ ހަދީސަކީ އަބޫބަކުރަތު ނަފީޢު ބުނު އަލްހާރިޝް ރިވާކުރައްވާފައިވާ ހަދީސެކެވެ.
އެގޮތުން ފާރިސް ކަރައިގެ އަހުލުވެރިން އެބައިމީހުންގެ ރަނިކަމަނާއެއްގެ ގޮތުގައި ކިސްރާގެ ދަރިކަނބަލުން އިސްކޮށްފިކަމުގެ ހަބަރު ރަސޫލާއަށް ލިބިވަޑައިގެން ހިނދު، އެބައެއްގެ ކަންތައްތައް އަންހެނަކާ ހަވާލުކޮށްފި ބަޔަކު ކާމިޔާބު ނުވާ ހުށި ކަމަށް އެކަލޭގެފާނު ހަދީސް ކުރެއްވި ކަމަށް ލިޔުމުގައި ވެއެވެ. ނަމަވެސް އެހަދީސަކީ އަލްބުޚާރީގައިވާ ހަދީސެއްކަމުގައި ވިޔަސް، އެ ހަދީސް ރިވާކުރެއްވި އަބޫބަކުރަތަކީ އިތުބާރު ކުރެވޭ ރާވީއެއް ނޫން ކަމުގައި ހަދީސް އިލްމުގެ ބައެއް އިލްމުވެރިން ވިދާޅުވެފައިވާކަމަށް މައުމޫން ވިދާޅުވިއެވެ.
ސަބަބަކީ ސަހާބީ ބޭކަލަކާ މެދު އަބޫބަކުރަތު އިތުބާރު ނުހިފޭ ދޮގު ވާހަކަތަކެއް ދެއްކެވިކަމަށްޓަކައި އަލްޚަލީފާ އުމަރު ބުނު އަލްޚައްތޯބުގެ އަމުރުފުޅަށް އަބޫބަކުރަތުގެ ގައިކޮޅުގައި ހައްދުޖަހާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި އެހެން އެއްވެސް ސަހާބީ ބޭކަލަކު އެ ހަދީސް ރިވާކުރައްވާފައި ނުވާކަމަށްވެސް ވިދާޅުވިއެވެ. އަދި އަބޫބަކުރަތު އެ ހަދީސް އެންމެ ފުރަތަމަ ރިވާކުރެއްވީ، އަލްޖަމަލު ހަނގުރާމައިގެ ދުވަސްވަރު (ކީރިތި ރަސޫލާ ސުވަރުގެ ވަޑައިގަތުމުގެ 25 އަހަރު ފަހުން) ކަމަށް ވެސް ވިދާޅުވިއެވެ.
އަދި އަބޫބަކުރަތު އެ ހަދީސްއާ ބެހޭ ގޮތުން ބައެއް އިލްމުވެރިން ވިދާޅުވެފައިވާ ބަސްފުޅުވެސް މައުމޫންގެ ބަޔާނުގައި ހިމަނާފައި ވެއެވެ. އެގޮތުން އެއީ ކީރިތި ރަސޫލާ ވިދާޅުވެފައިވާ ބަސްފުޅެއްކަމުގެ އެއްވެސް ހަރުދަނާ ހެއްކެއް ނެތް ކަމަށެވެ.
އަދި އަބޫބަކުރަތު އެ ހަދީސް ރިވާކުރެއްވީ އުންމުލް މުއުމިނީނަ ސައްޔިދަތު އާއިޝަތު، މުޢާވިޔަތުގެ ލަޝްކަރުގައި ޚަލީފާ އަލީ ބުނު އަބީ ތޯލިބާ ދެކޮޅަށް ހަނގުރާމަކުރެއްވުމަށް ނުކުމެ ވަޑައިގަތުމާ ގުޅިގެން ސިޔާސި ބޭނުމަކު އެކަމަނާއަށް ފާޑުވިދާލުވުމުގެ ގޮތުން ކަމުގައި އެބޭފުޅުން ވިދާޅުވި ކަމަށާއި މިހުރިހާ ސަބަބުތަކަށްޓަކައި އެ ހަދީސް ނެގޭނެ އެއްވެސް ހުއްޖަތެއް ނެތް ކަމަށް މައުމޫންގެ ލިޔުއްވުމުގައި ވެއެވެ.
އަދި އެ ހަދީސް ހުއްޖަތެއް ކަމުގައި ބަލާނަމަ އަންހެނުންނަށް ސަރުކާރުގެ އެއްވެސް ވަޒީފާއެއް އަދާނުކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން ކުރީގެ އިލްމުވެރިންނާއި އަދި މިހާރުގެ މަޝްހޫރު ބައެއް އިލްމުވެރިންގެ ނަންފުޅުތައް ފާހަގަކުރައްވައި މައުމޫން ވިދާޅުވިގޮތުގައި އެބޭފުޅުން އިއްތިފާގުވެވަޑައިގަންނަވާ ގޮތުގައި އަންހެނަކު ފަނޑިޔާރުކަން ކުރުމުގައި އެއްވެސް ހުރަހެއް ނެތެވެ.
އަދި މިސްރު، ޕާކިސްތާނު، ބަންގްލަދޭޝް، އިންޑޮނޭޝިޔާ، ސޫދާނު ފަދަ ވަރަށް ގިނަ އިސްލާމީ ގައުމުތަކުގައި މިހާރުވެސް އަންހެން ބޭފުޅުން ފަނޑިޔާރުކަން ކުރައްވަމުން ގެންދަވާ ކަމަށް މައުމޫން ފާހަގަކުރެއްވެވިއެވެ. މިހާރުވެސް މެލޭޝިޔާގައި އުއްތަމަ ފަނޑިޔާރަކަށް ހުންނެވީ ވެސް އަންހެން ބޭފުޅެއްކަން މައުމޫން ފާހަގަކުރެއްވިއެވެ.