މިނިސްޓްރީ އޮފް ހޯމްއެފެއާޒް

މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު ހުށަހެޅި ކުޑަކުދިންގެ މައްސަލަތައް މަދުވެއްޖެ

މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހަށްވުރެ މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު ޖުވެނައިލް ޖަސްޓިސް ޔުނިޓަށް ހުށަހެޅުނު މައްސަލަތައް މަދުވެއްޖެއެވެ.

ހޯމް މިނިސްޓްރީން މިއަދު ނެރުނު ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު ގާނޫނާ ހިލާފުވެގެން ޖުވެނައިލް ޖަސްޓިސް ޔުނިޓަށް ހުށަހަޅާފައިވަނީ 155 ކުއްޖެއްގެ މައްސަލައެވެ.

މިއީ މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހަށްވުރެ 33 ކުދިންގެ މަދު އަދަދެކެވެ. މިއީ 17.6 ޕަސެންޓް ދަށް އަދަދެކެވެ. މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ހުށަހެޅުނު މައްސަލަތައް މަދުވި ނަމަވެސް ކުށްކުރަން ދިމާވާ ސަބަބުތައް ގިނަކަން ޖުވެނައިލް ޖަސްޓިސް ޔުނިޓުން ފާހަގަކޮށްފައިވެއެވެ.

މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު ކުށް ތަކުރާރުކޮށްގެން 79 ކުއްޖެއްގެ މައްސަލަ ހުށަހަޅާފައިވާ އިރު، މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުވެސް ތަކުރާރުކޮށް ކުށްކޮށްގެން 79 ކުއްޖެއްގެ މައްސަލަ ވަނީ ހުށަހަޅައިފައެވެ.

މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހަށް ބަލާއިރު އެންމެ ގިނައިން ހުށަހަޅާފައިވަނީ 16 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންގެ މައްސަލަތަކެވެ. އޭގެ ތެރޭގައި ގިނައީ ފިރިހެން ކުދިންގެ މައްސަލަތަކެވެ. އެގޮތުން 95 ޕަސެންޓަކީ ފިރިހެން ކުދިންގެ މައްސަލަތަކެވެ.

މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު ހުށަހެޅި މައްސަލަތަކުގެ ތެރޭގައި ތަފާތު ސަބަބުތަކާ ހުރެ ސްކޫލުން ވަކިވެފައިވާ 65 ކުއްޖެއްގެ މައްސަލަ ހިމެނެއެވެ. މީގެ އިތުރުން ސްކޫލު ނިންމާފައިވާ 39 ކުއްޖެއްގެ މައްސަލައާއި، ސްކޫލްގައި ތައުލީމު ހާސިލުކުރަމުންދިޔަ 29 ކުއްޖެއްގެ މައްސަލަ ޖުވެނައިލް ޖަސްޓިސް ޔުނިޓަށް ވަނީ ހުށަހަޅައިފައެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ހުށަހެޅި މައްސަލަތަކުގައި ގިނައީ ސްކޫލްގައި ތައުލީމް ހާސިލުކުރަމުންދިޔަ ދަރިވަރުންގެ މައްސަލަތަކެވެ.

މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު ހުށަހެޅި މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ މަސްތުވާތަކެއްޗާ ގުޅުން ހުރި މައްސަލަތަކެވެ. އެފަދަ 55 ކުއްޖެއްގެ މައްސަލަ ހުށަހަޅާފައިވާ އިރު، ވައްކަމާއި ފޭރުމާއި މާރާމާރީގެ މައްސަލަތައްވެސް އޭގެތެރޭގައި ހިމެނެއެވެ.

އަދި މީގެއިތުރުން ތޫނު ހަތިޔާރު ގެންގުޅުމުގެ މައްސަލަތައް މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު ވަރަށް ބޮޑަށް މަދުވެފައިވާކަން ފާހަގަކޮށްފައިވެއެވެ. މިދިޔަ އަހަރު ތޫނު ހަތިޔާރު ގެންގުޅުމުގެ 13 މައްސަލައެއް ޖުވެނައިލް ޖަސްޓިސް ޔުނިޓަށް ހުށަހަޅާފައިވާ އިރު، މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު ހުށަހަޅާފައިވަނީ އެފަދަ ހަތަރު މައްސަލައެވެ.