ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް

ފަނޑިޔާރުން އައްޔަން ކުރުމުގައި އަންހެނުންނާއި ފިރިހެނުން ތަފާތުކުރުމަކީ ދީނީގޮތުން ހުއްދަވާނެ ކަމެއް ނޫން: މައުމޫން

ޝަހީދާ އަބްދުﷲ ސައީދު

2

ފަނޑިޔާރުން އައްޔަން ކުރުމުގައި އަންހެނުންނާއި ފިރިހެނުންނާ ދެމެދު ތަފާތެއް ގެންގުޅުމަކީ ދީނީގޮތުން ހުއްދަވާނެ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް، ރައީސް މައުމޫން ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫން މިހެން ވިދާޅުވީ ''އަންހެނުން ފަނޑިޔާރުކަން ކުރުމަކީ އިސްލާމް ދީން މަނާކުރާ ކަމެއްތަ؟'' މި ނަމުގައި ހަތް ސަފުހާގެ މައްޗަށް ލިޔުއްވައި މިއަދު ޓުވީޓުކުރައްވާފައިވާ ލިޔުމެއްގައެވެ.

މި ލިޔުއްވުމުގައި ކީރިތި ގުރުއާނުގެ ބައެއް އާޔަތްތަކާއި ރަސޫލާގެ ހަދީސްތައް ލިޔުއްވާފައިވެއެވެ. އެގޮތުން އަލް އަހްޒާބު ސޫރަތުގެ 35 ވަނަ އާޔަތާއި މާނައާއެކު ރައީސް މައުމޫން ވިދާޅުވެފައިވަނީ ޝަރުއީ ދަލީލުތައް އެހާ ސަރީހަކޮށް ހުރުމާއެކު އެމައްސަލައިގައި އަންހެނުންނާއި ފިރިހެނުންނާ މެދު ތަފާތެއް ގެންގުޅުމަކީ ދީނީ ގޮތުން ބަލާއިރު ހުއްދަވާނެ ކަމެއް ނޫން ކަމަށެވެ.

އަދި އެކިއެކި މަގާމުތައް ދިނުމާއި ވަޒީފާތައް ދިނުމުގައި ބަލަންޖެހޭނީ އެކަމަށް މީހާގެ ކުޅަދާނަކަމާއި ގާބިލުކަން ހުރި މިންވަރެއްގެ މައްޗަށް ކަމަށާއި އެމީހަކަށް ލިބިފައިވާ ތައުލީމާއި ތަޖުރިބާއާއި އަދި ސުލޫކާއި އަހުލާގުގެ މައްޗަށް ކަމަށް މައުމޫން ވިދާޅުވިއެވެ. އެހެންކަމުން ވަކި ޒަމާންތަކެއްގައި އަންހެނުންނަށް ވަކި ކަހަލަ މަގާމުތަކެއް ހަވާލުކުރެވިފައި ނުވަނީ އެޒަމާންތަކުގައި އަންހެނުންނާ މެދު އަޅައިނުލެވި، ތައުލީމު ހާސިލުކުރުމުގެ ފުރުސަތެއް ވެސް ނުލިބި ދިއުމުގެ ސަބަބުން މަގާމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާނުކުރެވޭނެތީ ކަމަށް މައުމޫން ވިދާޅުވިއެވެ. އަދި އެއީ އެއްވެސް ހާލެއްގައި ތޮބީއީ ގޮތުން އަންހެނުންގެ ނާގާބިލުކަމެއް ނުވަތަ އުނި ސިފަތަކެއް ހުރެގެން ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

މީގެއިތުރުން އަންހެނުން ފަނޑިޔާރުކަން ކުރުމަކީ އިސްލާމްދީނުގައި ހުއްދަ ނޫން ކަމެއް ކަމުގައި ވިދާޅުވާ ބޭފުޅުން އިތުރު ވާހަކައެއް ވިދާޅުވާކަން ފާހަގަކުރައްވައި މައުމޫން ވިދާޅުވެފައިވަނީ ކީރިތި ރަސޫލާއާއި ހަތަރު ހަލީފާއިންނާއި ބަނޫ އުންމިއްޔާގެ ހަލީފާއިންއިން ވެސް އެއްވެސް އަންހެނަކު ފަނޑިޔާރުކަމަށް އިސްކުރައްވާފައި ނުވާ ކަމަށެވެ. ހަގީގަތުގައި އެއީ ގަބޫލުކުރެވޭ ފަދަ ހުއްޖަތެއް ނޫން ކަމަށާއި އެއީ މީހަކު ނުވަތަ ބަޔަކު ވަކި ޒަމާނެއްގައި ކޮށްފައި ނުވާ ކަމަކީ ހަރާމް ކަމެއް ކަމަށް ނުވަތަ ހުއްދަ ނޫން ކަމެއް ކަމަށް ބުނާނެ ޝަރުއީ ދަލީލެއް ނުވަތަ ބުއްދީގެ ހަމައެއްވެސް ނެތް ކަމަށް މައުމޫން ވިދާޅުވިއެވެ.

މައުމޫން ވިދާޅުވީ އިސްލާމް ދީނުގެ މައިގަނޑު ދެ އަސްލު ކަމުގައިވާ ކީރިތި ގުރުއާނާއި މާތް ރަސޫލާގެ ސުންނަތަށް ބަލާއިރު، އިސްލާމް ދީނުގައި ފިރިހެނުންނާއި އަންހެނުން ތަފާތު ނުކުރައްވާކަން ވަރަށް ރަނގަޅަށް އެނގިފެނިގެންދާ ކަމަށެވެ. އެގޮތުން މާތްﷲއަށް އީމާންވުމާއި ކައުއިތުރު މުހައްމަދުގެފާނީ އެކަނލާގެ ރަސޫލާ ކަމަށް އީމާންވުމާއި ނަމާދުކުރުމާއި ރޯދަ ހިފުމާއި ހައްޖާއި އުމްރާ ވުމާއި ޒަކާތް ދިނުމަކީ އެއްވެސް ތަފާތެއްނެތި އެއް ހަމައެއްގެ މަތިން ފިރިހެނުންނާއި އަންހެނުންގެ މައްޗަށް ވާޖިބުކުރައްވާފައިވާ ކަންކަން ކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.

އިސްލާމް ދީނުގައި ހަރާމްކުރައްވާފައިވާ ކޮންމެ ކަމަކީ އެއް ހަމައެއްގެ މަތިން ފިރިހެނުންނާ އަންހެނުންގެ މައްޗަށް ހަރާމްކުރައްވާފައިވާ ކަންކަން ކަމަށާއި ހެޔޮ އަމަލުތަކަށް އާޚިރަތް ދުވަހުން ސަވާބު ދެއްވުމާއި ނުބައި އަމަލުތަކަށް ޖަޒާދެއްވުމުގައިވެސް، އަންހެނުންނާ ފިރިހެނުންނާ ދެމެދު އެެއްވެސް ތަފާތެއް ނެތް ކަމަށް ރައީސް މައުމޫނުގެ ބަޔާނުގައި ވިދާޅުވި އެވެ. އަދި އައްނަހުލު ސޫރަތުގެ 97 ވަނަ އާޔަތާއި މާނައާއެކު ވިދާޅުވީ މުއުމިނަކުކަމުގައިވާ ހާލު، ފިރިހެނުންގެ ތެރެއިން ވިޔަސް، ނުވަތަ އަންހެނުންގެ ތެރެއިންވިޔަސް ސޯލިހު އަމަލެއްކޮށްފި މީހާ ހަމަކަށަވަރުން އެމީހަކަށް ބާއްޖަވެރި ދިރިއުޅުމެއް އެކަލާނގެ ދެއްވާ ހުށި ކަމެވެ.

މީގެއިތުރުން ކުރީގެ އިލްމުވެރިންނާއި އަދި މިހާރުގެ މަޝްހޫރު ބައެއް އިލްމުވެރިންގެ ނަންފުޅުތައް ފާހަގަކުރައްވައި މައުމޫން ވިދާޅުވިގޮތުގައި އެބޭފުޅުން އިއްތިފާގުވެވަޑައިގަންނަވާ ގޮތުގައި އަންހެނަކު ފަނޑިޔާރުކަން ކުރުމުގައި އެއްވެސް ހުރަހެއް ނެތެވެ.

އަދި މިސްރު، ޕާކިސްތާނު، ބަންގްލަދޭޝް، އިންޑޮނޭޝިޔާ، ސޫދާނު ފަދަ ވަރަށް ގިނަ އިސްލާމީ ގައުމުތަކުގައި މިހާރުވެސް އަންހެން ބޭފުޅުން ފަނޑިޔާރުކަން ކުރައްވަމުން ގެންދަވާ ކަމަށް މައުމޫން ފާހަގަކުރެއްވެވިއެވެ. މިހާރުވެސް މެލޭޝިޔާގައި އުއްތަމަ ފަނޑިޔާރަކަށް ހުންނެވީ ވެސް އަންހެން ބޭފުޅެއްކަން މައުމޫން ފާހަގަކުރެއްވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟