ކުރިޔަށް އޮތް ތަނުގައި ސިޔާސީ ދާއިރާގައި އުޅުއްވުމުގެ ވިސްނުމެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެއްޖެ އެވެ.
"ވަން އޮންލައިން" އަށް ދެއްވި އިންޓަވިއުއެއްގައި ޝަރީފު ވިދާޅުވީ އާ ސަރުކާރުން ވަޒީފާއެއް ހުށަހެޅުއްވިޔަސް އެފަދަ ފުރުސަތެއް ގަބޫލުފުޅުކުރެއްވުމަކީ ވަރަށް ދުރު ކަމެއް ކަމަށެވެ.
"އީސީގެ ދައުރު ނިމުމުން ނޫނީ ވަކި ކުރިޔަށް ދެން ސިޔާސީ ދާއިރާގައި އުޅުމުގެ ވިސްނުމެއް ނެތް. އަލަށް އުފެދޭ ސަރުކާރުން ހުށަހެޅުމެއް އަޔަށް ގަބޫލުކުރުމުގެ ވިސްނުމެއް ވެސް ނެތް." ގިނަ އަހަރު ތަކެއް ވާންދެން ސިޔާސީ ދާއިރާގައި މަސައްކަތް ކުރައްވައިފައިވާ ޝަރީފު ވިދާޅުވި އެވެ.
ޝަރީފު ވިދާޅުވީ ކުރިޔަށް އޮތް ތަނުގައި ބޮޑަށް އުޅުއްވަން ބޭނުންފުޅު ވަނީ އަމިއްލަފުޅު މަސައްކަތުގައި ކަމަށެވެ. ގައުމު ދޫކުރައްވައި ބޭރަށް ވަޑައިނުގަންނަވާނެ ކަމަށާއި އެފަދަ ސަބަބެއް ވެސް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސިޔާސީ ދާއިރާއާ ދުރަށް ވަޑައިގަންނަވަން ބޭނުންފުޅު ކަމަށް ޝަރީފު ވިދާޅުވި އިރު، އޭނަ އަކީ ރައީސް ޔާމީންގެ ވަރަށް އަރިސް ބޭފުޅެކެވެ. އިލެކްޝަންސް ކޮމިޝަނުގެ ރައީސް ކަމަށް ޝަރީފު ހަމަޖެއްސެވީ އޭނާ ފެނަކައިގެ އެމްޑީ ކަމުގެ މަގާމުގައި ހުންނަވަނިކޮށެވެ.
ރިޔާސީ އިންތިޚާބު އިދިކޮޅު ކެންޑިޑޭޓު އިބްރާހީމް މުހައްމަދު ސޯލިހު ކާމިޔާބުކުރެއްވުމުން، ރައީސް ޔާމީން ޝަރީފުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައި ސުޕްރީމް ކޯޓަށް އިންތިޚާބުގެ ނަތީޖާ ބާތިލުކުރައްވައި އަލުން އިންތިޚާބު ބޭއްވުމުގެ އަމުރަކަށް އެދި ހުށަހެޅުއްވި އެވެ. އެހެން ނަމަވެސް އެ ކޯޓުން ނިންމީ އިންތިޚާބުގެ ނަތީޖާ ބާތިލުކުރާން ޖެހޭ ފަދަ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.