ހއ. އިހަވަންދޫ އާއި ރ. މަޑުއްވަރީ ބަނދަރު ހެދުމުގެ މަޝްރޫއުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އާއެކު މިއަދު ސޮއިކޮށްފިއެވެ.
އެގޮތުން މި ދެ މަޝްރޫއުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަފުޅުދައްކަވަމުން މިނިސްޓްރީ އޮފް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗާގެ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގް ވިދާޅުވީ ހއ. އިހަވަންދޫ ބަނދަރު ހެދުމުގެ މަޝްރޫއަކީ މިއަހަރުގެ ބަޖެޓުގައި ހިމެނިފައިވާ މަޝްރޫއެއް ކަމަށާއި މި މަޝްރޫއުގެ ދަށުން ހަމަޖައްސާފައިވަނީ އިހަވަންދޫ އެއްގަމު ތޮށީގެ ބައެއް އިތުރުކޮށް ބޭރު ތޮށި މިހާރު އިން ވަރަށްވުރެ ބޭރަށް ޖައްސައި އިތުރު ދޯނި ފަހަރު އެޅޭނެގޮތަށް ހަދައި ބަނދަރުގެ ޖާގަ ބޮޑުކުރުމަށް ކަމަށެވެ.
އަދި މިއީ 5.17 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް ކަމަށާއި މި މަސައްކަތް އެމްޓިސީސީއާ ހަވާލުކޮށްފައިވަނީ 400 ދުވަހުގެ ތެރޭގައި ނިންމުމަށް ކަމަށްވެސް ޑިރެކްޓަރ ޖެނެރަލް ޝާނާ ވިދާޅުވެފައިވެއެވެ.
އެމްޓިސީސީއާއެކު ސޮއިކޮށްފައިވަނީ ރ. މަޑުއްވަރީގައި އާ ބަނދަރެއް ހެދުމުގެ މަޝްރޫއުގައެވެ. ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ޝާނާ ވިދާޅުވީ މަޑުއްވަރީ ދެކުނު ފަރާތުގައި އާ ބަނދަރެއް ހެދުމަށް ހަވާލުކުރީ މިހާރު އެރަށުގައި އޮތް ބަނދަރު ހަލާކުވެ ބޭނުން ނުކުރެވޭ ހާލަތުގައި އޮތީމައި ކަމަށެވެ.
އެގޮތުން މަޑުއްވަރީގައި ހެދުމަށް ހަމަޖައްސާފައިވަނީ 1200 ފޫޓުގެ ބަނދަރެއް ކަމަށާއި މިއީ 68.7 މިލިއަން ރުފިޔާގެ މަޝްރޫއެއްކަންވެސް ޝާނާ ފާހަގަކުރައްވާފައިވެއެވެ. އަދި މި މަޝްރޫއު އެމްޓިސީސީއާ ހަވާލުކޮށްފައިވަނީ 590 ދުވަހުގެ ތެރޭގައި ނިންމުމަށް ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.
މި މަޝްރޫއުގެ ދަށުން މި ދެބަނދަރުގައިވެސް ބަނދަރުތަކުގައި އާންމުކޮށް ހުންނަ ގޮތަށް ނެރު ބައްތި ޖެހުމާއި ބަނދަރުގެ ބައްތި ޖެހުން އަދި ވާޓަރު ކައިރީގައި ޕޭމެންޓް ހެދުން އަދި ލައިޓް ޖެހުމުގެ މަސައްކަތްވެސް ކުރުވިގެންދާނެ ކަމަށް ޝާނާ ވިދާޅުވެފައިވެއެވެ.
މި ދެ މަޝްރޫއުގައިވެސް ސޮއިކޮށްފައިވަނީ އެމްޓީސީސީގެ ފަރާތުން އެ ކުންފުނީގެ ސީއީއޯ ހަސަން ޝާހު އަދި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ޑިރެކްޓަރ ޖެނެރަލް ޝާނާއެވެ.