ސިންގަޕޫރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޗުއާ ތިއަން ޕޯ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްގެ އަރިހަށް ވަދާއުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސް އޮފީހަށް ނައިބު ރައީސްގެ އަރިހަށް ޗުއާ ޒިޔާރަތްކޮށްފައިވަނީ އޭނާގެ ހަތަރު އަހަރުގެ މުއްދަތުގެ ސަފީރުކަމުގެ ދައުރު ނިންމަވާލެއްވުމުގެ ކުރިންނެވެ. މި ބައްދަލުވުމުގައި ޗުއާގެ މަސައްކަތަށް ނައިބު ރައީސް އޭނާއަށް ޝުކުރު އަދާކުރެއްވިއެވެ.
މި ބައްދަލުވުމުގައި ދެބޭފުޅުން ވަނީ ރާއްޖެއާއި ސިންގަޕޫރުގެ ގުޅުމާ މެދު މަޝްވަރާކުރައްވައިފައެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ، ތައުލީމީ ދާއިރާ އަދި ޓްރޭޑަށް ސިންގަޕޫރުން ފޯރުވާ އެތީތެރިކަމާ ގުޅޭގޮތުން މި ބައްދަލުވުމުގައި ދެބޭފުޅުން ވާހަކަދައްކަވާފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.
މީގެ އިތުރުން ސިންގަޕޫރުން ރާއްޖޭގެ ތަރައްގީއަށް ފޯރުކޮށްދޭ އެހީތެރިކަން މި ބައްދަލުވުމުގައި ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި ސަފީރު ޗުއާގެ މަސައްކަތުން ދެގައުމުގެ ގުޅުން ކުރިއަށް ވުރެ އިތުރަށް ބަދަހިވެފައިވާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި ނައިބު ރައީސް ވަނީ ޗުއާގެ ކުރިއަށް ހުރި މަސައްކަތްތަކުގައި ކުރިއެރުން އެދޭ ކަމަށް ވިދާޅުވެފައެވެ.