ރާއްޖޭގެ ފަތުރުވެރިކަމުގެ މުސްތަގުބަލަކީ ތާރީހާއި ސަގާފަތް ކަމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވި ޔުނައިޓެޑް ނޭޝަންސް ވޯލްޑް ޓުރިޒަމް އޯގަނައިޒޭޝަން (ޔޫއެންޑަބްލިއުޓީއޯ) އިން އިންތިޒާމުކޮށްގެން މިމަހުގެ 26 އިން ފެށިގެން 28 އަށް މެލޭޝިއާގެ ކުއާލަލަމްޕޫރުގައި ބާއްވާ ފަސްވަނަ ވޯލްޑް ޓޫރިޒަމް ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މިއަދު ބޭއްވި ވޯލްޑް ޓޫރިޒަމް ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރާއްޖޭގެ ފަތުރުވެރިކަމުގެ މުސްތަގުބަލަކީ ތާރީހާއި، ސަގާފަތް އަދި ތިމާވެށި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުން ކަމަށް މިނިސްޓަރު އަލީ ވަހީދު ވިދާޅުވި އެވެ.
މި ކޮންފެރެންސް ރަސްމީކޮށް ފައްޓަވައި ދެއްވީ މެލޭޝިޔާގެ ބޮޑު ވަޒީރު މަހާތީރު މުހައްމަދެވެ.
ކުއަލަލަމްޕޫރުގެ ޝަންގްރިއްލާ ހޮޓަލުގައި މިއަދު ފެށި ވޯލްޑް ޓޫރިޒަމް ކޮންފަރެންސްގެ މިއަހަރުގެ ޝިއާރަކީ "ބިޔޯންޑް ޓޫރިޒަމް ބިޔޯންޑް އެކްސްޕެކްޓޭޝްން" އެވެ. މި ކޮންފަރެންސްގެ ފުރަތަމަ ސެޝަން ކުރިއަށް ގެންދިޔުމަށް ހަމަޖައްސާފައިވަނީ ''ފިއުޗާ އޮފް ޓުއަރިޒަމް - ނިއު ސޯސަސް އޮފް ގްރޯތު'' ގެ ދަށުންނެވެ.
މިނިސްޓަރު އަލީ ވަހީދު ކުއާލަލަމްޕޫރަށް މި ކުރައްވާ ދަތުރުގައި، އެގައުމުގެ ޓުއަރިޒަމް މިނިސްޓަރާއި ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖައްސައިފައެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު އިތުރަށް ފުޅާކޮށް ތަރައްގީ ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ޓުއަރިޒަމް މިނިސްޓްރީން މައުލޫމާތު ދެއެވެ.
މީގެ އިތުރުން މި ދަތުރުގައި މިނިސްޓަރު އަލީ ވަހީދު މެލޭޝިއާގެ ލިމްކޮކްވިންގް ޔުނިވާސިޓީގެ ރައީސްއާ ބައްދަލު ކުރައްވާނެ ކަމަށް ޓުއަރިޒަމް މިނިސްޓްރީން މައުލޫމާތު ދެއެވެ. މި ބައްދަލުވުމުގައި ލިމްކޮކްވިންގް ޔުނިވާސިޓީން ރާއްޖޭގެ ޓުއަރިޒަމް މިނިސްޓްރީ އަށް ފަތުރުވެރިކަމުގެ ސިނާއަތުގައި އިންސާނީ ވަސީލަތް ތަރައްގީކުރުމުގެ ފުރުސަތު ފަހި ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖައްސާފައެވެ.