ޚަބަރު

ކަރަންޓު ހިދުމަތް ދިނުމަށް ގާއިމުކުރި ނިޒާމުތަކާ ބެހޭ މައުލޫމާތު ހިމެނޭ ފޮތެއް ނެރެފި

ޝަހީދާ އަބްދުﷲ ސައީދު

ރާއްޖޭގައި ބޭނުންކުރާ ކަރަންޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް ގާއިމްކުރި ނިޒާމުތަކާ ބެހޭ މައުލޫމާތުތައް ހިމެނޭ ފޮތެއް ކަމުގައިވާ "އައިލެންޑް އިލެކްޓްރިކްސިޓީ ޑޭޓާ ބުކް 2018" މިއަދު ނެރެދެއްވައިފިއެވެ.

މިފޮތް ނެރެދެއްވީ އެންވާރަމެންޓް މިނިސްޓްރީގައި ބޭއްވި ރަސްމިޔާތެެއްގައި އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމެވެ.

ފޮތް ނެރެދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވީ ފާއިތުވެ ދިޔަ އަހަރު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޖުމްލަ 240 މެގަ ވޯޓް ކެޕޭސިޓީގެ ޖެނެރޭޓަރު ބެހެއްޓިފައިވާ ކަމަށެވެ. ފާއިތުވެ ދިޔަ އަހަރު ތެރޭގައި އިރުގެ އަލިން ހަކަތަ އުފައްދާ މިންވަރު 11 މެގަވޯޓަށް އިތުރުކޮށް، އަދި މިއަހަރު ތެރޭ އިއާދަކުރުވަނިވި ހަކަތަ 15 މެގަ ވޯޓަށް އިތުރުވެގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ފޮތުގައި ހިމެނޭ މުހިންމު މައުލޫމާތުތަކުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ކަރަންޓު ޚިދުމަތް ފޯރުކޮށްދިނުމަށް ގާއިމުކޮށްފައިވާ ނިޒާމުތަކުގެ މުހިއްމު މައުލޫމާތުތަކާއި، ހަކަތައިގެ ދާއިރާއަށް ބޭނުންތެރި ގިނަ ތަފާސް ހިސާބު ތަކެއް ހިމަނާފައި ވެއެވެ.

ފާއިތުވެ ދިޔަ 10 އަހަރުގެތެރޭގައި ރާއްޖޭގައި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ހޯދިފައިވާ ކުރިއެރުންތަކާއި، ރާއްޖޭގެ ބައެއް ރިސޯޓުތަކުގައި ބޭނުންކުރަމުންދާ އިއާދަކުރަނިވި ހަކަތައިގެ އެކިއެކި ވަސީލަތްތަކުގެ މައުލޫމާތު ވެސް މިފޮތުގައި ވަނީ ހިމަނާފައެވެ.