ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑާ ކުރުމުގެ މައްސަލައިގެ ދައުވާގައި، އިތުރަށް ހެކިބަސް ނެގުމަށް އަންނަ މަހު ތިނެއްގައި އިތުރު އަޑުއެހުމެއް ބާއްވަން ތާވަލްކޮށް އެމަނިކުފާނުގެ ވަކީލުންނަށް ޗިޓް ފޮނުވައިފިއެވެ.
ރައީސް ޔާމީނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ، އާދަމް އާސިފް ވަނީ އެކަން ޔަގީންކޮށްދެއްވައިފައެވެ.
މިއަދު އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަންނަ ސެޕްޓެމްބަރު މަހުގެ ތިންވަނަ ދުވަހުގެ ހެނދުނު 10:30 އަށް އެ މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށް ކޯޓުން ވަކީލުންނަށް ޗިޓް ފޮނުވާފައިވާ ކަމަށެވެ.
ރައީސް ޔާމީންގެ މައްޗަށްކުރާ މި ޝަރީއަތުގައި މިހާނަތަށް އާއްމުކޮށްގެން ދެ އަޑުއެހުމެއް ބާއްވާފައިވާއިރު އެ ދެ އަޑުއެހުމުގައިވެސް ކުރިއަށްދިޔައީ، ހެކިން ހުށަހަޅައި ހެކިބަސް ނެގުމެވެ.
އެގޮތުން މިމަހު 22 ގައި ބޭއްވި ދެވަނަ އަޑުއެހުމުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް މުއައްވިޒު ރަޝީދާއި، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބުދުލް ޣަފޫރާއި، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ ޒިޔަތު ހާޒިރުކޮށް ވަނީ ހެކިބަސް ނަގައިފައެވެ.
ގިނަ ކިތާބީ ހެކިވެސް ހިމެނޭ މި މައްސަލައިގައި، މިހާތަނަށް ހެކިބަސް ނުނަގައިތިބި ހެކިންގެ ތެރޭގައި އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ އާއި މުހައްމަދު ވަސީމް އިސްމާއިލް އާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ހިމެނިވަޑައިގަންނަވައެވެ.
މި ބޭފުޅުންނަކީ މިހާރު ރާއްޖެއިން ބޭރުގައި އުޅުއްވާ ބޭފުޅުންނެވެ.
ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ދައުވާކުރަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން، އެސްއޯއެފް ކުންފުނިން ރައީސް ޔާމީންގެ އެކައުންޓަކަށް ޖަމާކޮށްފައިވާ އެއް މިލިއަން ޑޮލަރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެއްބަސްވުމެއްގެ ދަށުން އެސްކްރޯ އެކައުންޓެއްގައި ބަހައްޓަން އެއްބަސްވެ، އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކުރެއްވުމަށްފަހު، އެސްއޯއެފް އިން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގައި އެމަނިކުފާނު ހުޅުއްވެވި ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ޖަމާކޮށް އޭގެ އަސްލު އޮޅުވާލި މައްސަލައިލި މައްސަލައެވެ.