ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

ކޮންފަރެންސް ޓުއަރިޒަމް ފަދަ އާ ދާއިރާއަކަށް ރާއްޖެ ހުޅުވިގެންދާ މަންޒަރު މިއަދު ފެނިއްޖެ: މިނިސްޓަރު ޝާހިދު

މަރިޔަމް ޝަހުދާ

ކޮންފަރެންސް ޓުއަރިޒަމް ފަދަ އާ ދާއިރާއަކަށް ރާއްޖެ ހުޅުވިގެންދާ މަންޒަރު މިއަދު ފެނިއްޖެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ މިއަދު ހެނދުނު އއ. އުކުޅަހުގައި އެރަށު އިންޓަނޭޝަނަލް ކޮންފަރެންސް ސެންޓަރު ހުޅުވުމުގެ އިތުރުން އުކުޅަސް ޓެކް ފެއާ 2019 ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ޝާހިދު ވިދާޅުވީ އުކުޅަހުގައި މިއަދު ހުޅުވި ކޮންވެންޝަން ސެންޓަރާއެކު އެރަށާއި އަތޮޅުގެ އިތުރުން ރާއްޖެއަށް އެތައް ކުރިއެރުމެއް ލިބޭނެކަމަށެވެ. އަދި އާ ވިޔަފާރިތަކަށް ފުރުސަތު ލިބި ކޮންވެންޝަން ސެންޓަރުގެ ސަބަބުން ރާއްޖެއަށް ރީތިނަން ލިބި ކޮންފަރެންސް ޓުއަރިޒަމް ފަދަ އާ ދާއިރާއަކަށް ރާއްޖެ ހުޅުވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

''ރާއްޖޭގައިވެސް މިފަދަ ކޮންފަރެންސްތައް ބޭއްވޭނެ ކަމުގެ އިތުބާރު އާވެގެން ހިނގައްޖެ. ރާއްޖެއަށް ރީތިނަން ލިބިގެން ދާތަން ފެނިއްޖެ. ކޮންފަރެންސް ޓުއަރިޒަމް ފަދަ އާ ދާއިރާއަކަށް އަޅުގަނޑުމެންގެ މި ދިވެހިރާއްޖެ ހުޅުވިގެންދާނެ މަންޒަރު މިއަދު ފެނިއްޖެ. އެކަމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ގިނަގުނަ ފައިދާ ކުރާނެ ކަމުގެ ޔަގީންކަން މިއަދު ވަނީ ފުރިހަމައަށް ހާމަވެފައި''

މިނިސްޓަރު ޝާހިދު ވިދާޅުވީ ރާއްޖޭގައި ކުރެވޭ ހުރިހާ މުހިއްމު ކަމެއް މާލޭގައި އޮންނަން ނުޖެހޭ ކަމަށެވެ. ނަމަވެސް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި އެފަދަ ކަންކަން ބޭއްވުމުގެ ފުރުސަތު އޮންނަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މި ސަރުކާރުގެ ހުރިހާ ވައުދެއް ފުރިހަމަ ކުރާތަން ފެންނާނެ ކަން މިނިސްޓަރު ޝާހިދު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ޖަޒީރާ ވަންތަ ރާއްޖެއެއް ތަރައްގީ ކުރެވޭނީ ރާއްޖެ ލާމަރުކަޒީ ކުރުމަށް އިސްކަންދީގެން ކަމަށާއި މިސަރުކާރުގެ އެއް އަމާޒަކީ ކައުންސިލްތައް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ބާރުވެރިކޮށް، ރަށް ތަރައްގީ ކުރުމަށް އާމްދަނީ ހޯދޭނެ ވަސީލަތްތައް ލާމަރުކަޒީކޮށް ހޯދައިދިނުން ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ ސަރުކާރާއި ހަވާލުވި އިރު ބޭރުގެ ގައުމުތަކާއި ގުޅުން ހީނަރުވެ ރާއްޖެ އޮތީ ބިކަވެފައި ކަމަށާއި ރާއްޖެއަށް ހައްގު މަގާމު އަލުން ހޯދުމަށް މަގުފަހިވެފައިވަނީ މިހާރުގެ ސަރުކާރުން ކުރި މަސައްކަތުން ކަމަށެވެ.

އުކުޅަހު ކޮންވެންޝަން ސެންޓަރު ހެދުމަށް އިންޑިއާ އިން ވެދެއްވި އެހީތެރިކަމަށް މިނިސްޓަރު ވަނީ ޝުކުރު ދަންނަވާފައެވެ. މިނިސްޓަރު ޝާހިދު ވިދާޅުވީ މި ސެންޓަރު އިމާރާތް ކުރުމަށް އިންޑިއާގެ ކުރީގެ ޚާރިޖީ ވަޒީރު ސުޝްމާ ސްވަރާޖް ރާއްޖެއަށް މާޗް މަހު ކުރެއްވި ދަތުރުގައި ރާއްޖޭގެ ތަރައްގީއަށް ދެއްވި ހިލޭ އެހީގެ ތެރެއިން 8 މިލިއަން ރުފިޔާ ހަރަދު ކުރި ކަމަށެވެ.

އުކުޅަހުގެ އިންޓަނޭޝަނަލް ކޮންފަރެންސް ސެންޓަރުގެ ހުރިހާ މަސައްކަތެއް ނިންމުމަށްފަހު ޕްލޭނިންގް މިނިސްޓްރީން އެ ސެންޓަރު ރަށް ކައުންސިލާ ހަވާލުކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.