ޖުޑީޝަލް ސާވިސް ކޮމިޝަން

ރަސްމީ ނަތީޖާއާއެކު އިތުރު ބަދަލެއް ނައިސް ދަށު ކޯޓުތައް ޖޭއެސްސީގައި ތަމްސީލު ކުރާ ފަނޑިޔާރަކަށް ޝަރީފު

މަރިޔަމް ޝަހުދާ

ރަސްމީ ނަތީޖާ އާއެކު އިތުރު ބަދަލެއް ނައިސް ދަށު ކޯޓުތައް ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީގައި ތަމްސީލު ކުރާ ފަނޑިޔާރަކަށް ލ. ކަލައިދޫ، އީރާފް ފަނޑިޔާރު އަލީ ޝަރީފް އިންތިހާބު ވެއްޖެއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން، ޑީޖޭއޭ އިން މިއަދު ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ދަށުކޯޓުގެ ފަނޑިޔާރަކު ހޮވުމަށް ބޭއްވި އިންތިހާބުގެ ރަސްމީ ނަތީޖާ ވަނީ އިއުލާނުކޮށްފައެވެ. މި ނަތީޖާއިން ހޮނިހިރު ދުވަހު އާންމުކޮށްފައިވާ ވަގުތީ ނަތީޖާއަކަށް އިތުރު ބަދަލެއް އައިސްފައިއެއް ނުވެއެވެ.

އިތުރު ދެ ފަނޑިޔާރަކާއި ވާދަކޮށްގެން ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ފަނޑިޔާރު ޝަރީފް އިންތިހާބު ކާމިޔާބުކޮށްފައިވަނީ 127 ވޯޓާއެކު އެވެ. އެއީ ވޯޓު ލީ މީހުންގެ 76.97 އިންސައްތައެވެ. ކްރިމިނަލް ކޯޓުގެ ގާޒީ ހައިލަމް އަށް ލިބިފަިއަނީ 37 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 22.42 އިންސައްތައެވެ. ފަނޑިޔާރު އަބްދުއްރައްޒާގު މުހައްމަދަށް މި އިންތިހާބުގައި ލިބިލެއްވީ އެންމެ ވޯޓެކެވެ.

މިއާއެކު ފަނޑިޔާރު ޝަރީފް ވަނީ ކުރިއަށް އޮތް ފަސް އަހަރުގެ މުއްދަތަކަށް ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީއަށް އިންތިހާބުވެ ވަޑައިގެންނެވި ފަނޑިޔާރެވެ. މި އިންތިހާބަކީ މިހާރު ޖޭއެސްސީގައި ދަށު ކޯޓުތައް ތަމްސީލު ކުރާ ޖުވަނައިލް ކޯޓުގެ ގާޒީ މުހައްމަދު އީސާފުޅުގެ ދައުރު މާދަމާ ހަމަވާނެތީ ބޭއްވި އިންތިހާބެކެވެ.