ޚަބަރު

އާ ސަރުކާރުން "ވިލިމާލެ 2" ކުރިއަށް ގެންދަން ޖެހޭ: މުއިއްޒު

އަހުމަދު ޖައިޝަން

އާ ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ތައާރަފުކުރެއްވި "ވިލިމާލެ 2" މަޝްރޫއު ކުރިއަށް ގެންދިޔުމަކީ ރައްޔިތުންގެ ހައްގުގައި އާ ސަރުކާރުން ކުރަން ޖެހޭ ކަމެއް ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަހަރުގެ މިނިވަން ދުވަހު ރައީސް ޔާމީން އިއުލާން ކުރެއްވި "ވިލިމާލެ 2" ޕްރޮޖެކްޓަކީ ގުޅީފަޅާއި ފުށިދިއްގަރު ފަޅުން 1000 ހެކްޓަރުގެ ބިން ހިއްކައި، މާލެ އާއި ވިލިމާލެ އާއި ވިލިމާލެ 2 އާއި ގުޅީފަޅުގެ އިތުރުން ތިލަފުށި ބްރިޖުތަކުން ގުޅުވާލާ ޕްރޮޖެކްޓެކެވެ.

މިއަދު ހައުސިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ ރައީސް ޔާމީން ނިންމަވާފައިވާ ގޮތަށް އެ މަސައްކަތް ކުރިއަށް ގެންދިޔުމަކީ ރާއްޖޭގެ ރައްޔިތުންގެ ތަރައްގީއަށް ކުރެވޭނެ އެންމެ ބޮޑު އެއް ކަންތައް ކަމަށެވެ.

"އެކަންތައް ޒާތީ ކަންތައްކަކަށް ނުހައްދަވައި ރައީސް ޔާމީން ނިންމަވާފައިވާ ގޮތަށް ކޮށްދެއްވުމަކީ ރައްޔިތުުންނަށް ކޮށްދެވޭނެ އެންމެ ބޮޑު އެއް ކަންތައް. އެއީ އެއްވެސް ހާލެއްގައި ވަކި މީހަކަށް ކޮށްދޭ ކަމެއް ނޫން،" އޭނާ ވިދާޅުވިއެވެ.

ރައްޔިތުންނަށް "ޓޯޓަލް ސޮލިއުޝަން" ކަމަށްވާ އެ ޕްރޮޖެކްޓު ކުރިއަށް ގެންދިޔުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށް ވެސް މުއިއްޒުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ރައީސް ޔާމީން މަސައްކަތެއް ފަށްޓަވާފައިވާތީ އެ މަސައްކަތް ކުރިއަށް ނުގެންދިޔުމުގެ ނިޔަތް ނުގެންގުޅުމަކީ ރައްޔިތުންނަށް ކޮށްދެވޭ ކަމެއް ކަމަށެވެ.