ޚަބަރު

ފަނޑިޔާރުން އައްޔަންކުރުމާބެހޭގޮތުން އެއްޗެއްބުނަން އެންމެ އައުލާކަން ބޮޑީ ފިގުހު އެކަޑަމީ: ނަޝީދު

އިބްރާހިމް ޒަކީ

ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަންކުރުމާބެހޭގޮތުން އެއްޗެއްބުނަން އެންމެ އައުލާކަން ބޮޑީ ފިގުހު އެކަޑަމީކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް. ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަންކުރެއްވުމަށް ދެ އަންހެން ބޭފުޅުންގެ ނަން ރައިސުލް ޖުމްހޫރިއްޔާ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ފޮނުއްވުމާ ގުޅިގެން، އެއީ އިސްލާމްދީނުގެ އަސްލުތަކާ ހިލާފްކަމެއްކަމަށް ބުނެ މިއަދު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައާ ގުޅިގެންނެވެ.

އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވުމުން ބަހުސަށް ހުޅުވާލެއްވުުގެ ކުރިން ދެއްކެވި ވާހަކައިފަ، ރައީސް ނަޝީދު ވިދާޅުވީ، ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަން ކުރެއްވުމުގެ މައްސަލައާ ގުޅޭގޮތުން ފެންހިފޭ ޖަމާއަތަކުން، ހާއްސަ އިތުރު އެއްޗެއް އަދި ބުނެފައި ނުވާ ކަމަށެވެ. ނަމަވެސް އެ މައްސަލައިގައި ރާއްޖޭގެ ފަތުވާ މަޖިލީހުން ނެރެފައިވާ ބަޔާނަށް އިޝާރާތް ކުރައްވައި މަޖިލިސް ރައީސް ވިދާޅުވީ، އެ މަޖިލީހަކީ އިސްލާމިކް މިނިސްޓްރީގެ ދަށުގައި ހިންގާ މަޖިލީހެއް ކަމަށެވެ.

"މިދަންނަވާ ރާއްޖޭގެ ފަތުވާ މަޖިލީހަކީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އެ މިނިސްޓްރީގެ ދަށުގައި ހިންގާ މަޖިލީހެއް، ހަގީގަތުގައި މިރާއްޖޭގައި މިކަންކަމާގުޅޭގޮތުން ބަހެއް ބުނުމަށް އައުލާކަން އެންމެބޮޑީ، ފިގުހު އެކަޑަމީން، އެހެންވީމާ މިރާއްޖޭގައި މިކަމާގުލޭގޮތުން ފެންހިފޭ ޖަމާއަތަކުން އަދި ވަކި ހާއްސަ އިތުރުއެއްޗެއް އަދި ބުނެފަކާއެއްނުވޭ،" މަޖިލިސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝިދު މިހެން ވިދާޅުވިއިރު، ދީނީ ބައެއް އިލްމުވެރިން ވަނީ އެކަމަކީ ދީން ހުއްދަކުރާ ކަމެއްނޫން ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭގެ އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލިހުން ބުރަވަނީ، އަންހެނުންނަށް ފަނޑިޔާރުކަން ނުކުރެވޭނެ ކަމަށް ކަނޑައަޅާފައިވާ ރައުޔުއަށް ކަމަށް ވަނީ ހާމަ ވެފައެވެ.

ނަމަވެސް ބައެއް ދީނީ އިލްމުވެރިންގެ އިތުރުން، މި މައްސަލައިިގައި ސިޔާސީ ޕާޓީތަކުން ނެރެފައިވާ ބަޔާން ތަކުގައި ވަނީ އެކަމަކީ ދީނުގައި މަނާކަމެއްނޫން ކަމަށްބުނެފައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އަންހެން ބޭފުޅުން އައްޔަން ކުރެއްވުމުގެ މައްސަލައިގައި ހިޔާލުތަފާތުވުން އުފެދިފައިވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރައްވަން އަލްއުސްތާޒާ އައިޝާ ޝުޖޫން މުހައްމަދާއި ޑރ. އަޒްމިރަލްދާ ޒާހިރުގެ ނަންފުޅު، ރައީސުލް ޖުމްހޫރިއްޔާ ޖޭއެސްސީއަށް ފޮނުއްވުމާ ގުޅިގެންނެވެ.