ޚަބަރު

ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަންކުރުމާބެހޭގޮތުން ހުށަހެޅި ކުއްލި މައްސަލަ ބަލައިގެންފި

އިބްރާހިމް ޒަކީ

ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަންކުރުމާބެހޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގެންފި އެވެ.

ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބުދުﷲ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގެންފައިވަނީ، ޖަލްސާގައި ތިއްބެވި 53 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 52 މެންބަރުންގެ އިއްތިފާގުންނެވެ.

މި ކުއްލި މައްސަލަ ހުށަހަޅާފައިމިވަނީ، ސުޕްރީމު ކޯޓުގެ ފަނޑިޔާރުކަމަށް ދެ އަންހެން ބޭފުޅުން އައްޔަނުކުރަން ނިންމަވައި، އެ ދެނަން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ފޮނުވި މައްސަލައިގައި ދީނީ އިލްމުވެރިންގެ މެދުގައި ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދިފައި ވަނިކޮށެވެ.

ސުޕްރީމް ކޯޓުގެ ފަނޑީޔާރުކަމަށް އައްޔަންކުރައްވަން ރައީސް ފޮނުއްވީ އަލްއުސްތާޒާ އައިޝާ ޝުޖޫން މުހައްމަދާއި ޑރ. އަޒްމިރަލްދާ ޒާހިރުގެ ނަންފުޅެވެ.

މިކަމާބެހޭގޮތުން ކުއްލި މައްސަލަ ހުށަހަޅުއްވަމުން މެންބަރު ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އަންހެން ބޭފުޅުން އައްޔަނުކުރުމަކީ އިސްލާމީ އަސްލުތަކުގެ އިތުރުން އިސްލާމީ ޝަރީއަތާ ހިލާފު ކަމެއް ކަމަށެވެ.

އަދި ފަނޑިޔާރުކަން އަންހެނަކާ ހަވާލުކުރާ މީހާ އާއީ ހަވާލުކުރި މީހާ ފާފަވެރިވާނެ ކަމަށް ރާއްޖޭގެ ފަތުވާ މަޖިލީހުން ފަތުވާއެއް ނެރެފައިވާކަމަށް ވެސް ވިދާޅުވިއެވެ.

އެހެންކަމުން މެމްބަރު ނަޝީދު ވިދާޅުވީ އަންހެނުން ފަނޑިޔާރުކަމަށް އައްޔަނުކުރުމަކީ ހަރާމްކަމެއް ކަމަށެވެ.

ނަޝީދުގެ ކުއްލި މައްސަލައިގައި އެކަމަކީ ކަނޑައެޅިގެން ހަރާމްކަމެއްކަމަށް ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިން ވިދާޅުވަމުންގެންދަވާ ދަނޑިވަޅެއްގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ދެ އަންހެން ބޭފުޅަކު އައްޔަނުކުރެއްވުމަށް ފޮނުއްވުމަކީ އިސްލާމް ދީނުގެ އަސްލުތަކާއި، އިސްލާމީ ޝަރީއަތާއި، ހިލާފު ކަމެއްކަމަށް ވަނީ ވިދާޅުވެފައެވެ.