ދެހާސް ބާރަވަނަ އަހަރު، އޭރުުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ރައީސުލް ޖުމްހޫރިއްޔާކަމުގެ މަގާމުން އިސްތިއުފާ ދެއްވި، ހާދިސާގައި ފުލުހުންގެ ތެރޭގައި ހިންގައިދިޔަ ކަންތައްތައް ފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ގެނެވިފައިވާ ބަދަލުތަކާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ އާ މިއަދު ސުވާލު ކުރެއްވުމަށް އޮތް ނަމަވެސް ހައްޖު ރޯގާގެ ސަބަބުން އިމްރާނަށް މިއަދު މަޖިލީހަށް ވަޑައެއް ނުގެންނެވުނެވެ.
ރައްޔިތުުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެންމެ ފުރަތަމަ ކަމަކަށް އޮތީ، ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ހޯމް މިނިސްޓަރު އިމްރާން އަބުދުﷲއާ ސުވާލު ކުރެއްވުން ކަމަށެވެ.
ނަމަވެސް ހޯމް މިނިސްޓަރު މަޖިލީހަށް ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށާއި، އެ ސިޓީފުޅުގައި ހައްޖު ރޯގާގެ ސަބަބުން މިއަދު އެމަނިކުފާނަށް މަޖިލީހަށް ވަޑައިގެންނެވެން ނެތްކަމަށް ވިދާޅުވެފައިވާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ އަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމަށާއި، ފުރިހަމަ ސިއްހަތަށް ވަޑައިގެންނެ ވުމުން މިނިސްޓަރު މަޖިލީހަށް ވަޑައިގަންނަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
އިމްރާނާ ކުރައްވަން ޖާބިރު މަޖިލީހަށް ފޮނުއްވާފައިވާ ސުވާލުގައި ވިދާޅުވެފައި ވަނީ، ހައެއް ފެބްރުއަރީ 2012 ވަނަ ދުވަހުގެ ރޭ ޣައިރު ގާނޫނީ އަމުރު ކުރާކަމަށްބުނެ ފުލުހުންގެ ވެރިންނަށް ކިޔަމަންނުވި ފުލުހުންތަކެއްގެ މައްސަލަ ހައްލުނުވެ، ހަތެއް ފެބްރުއަރީ 2012ގައި ހިިނގައިދިޔަ ހަމަނުޖެހުުންތަކުގެ ސަބަބުން އޭރުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
އަދި އަށެއް ފެބްރުއަރީ 2012 ވަނަ ދުވަހު ރައްޔިތުންތަކެއް ނުކުމެ މާލެ އާއި ބައެއް ރަށްރަށުގެ ފުލުސް ސްޓޭޝަންތަކާއި ވެހިކަލްތަކާއި ކޯޓުތަކުގައި ވަނީ ހުޅު ޖަހައިފައެވެ.
ފުލުހުންގެ ތެރޭގައި މިފަދަ ކަމެއް އިތުރަށް ތަކުރާރުވިޔަ ނުދިނުމަށް ގެނަސްފައިވާ ބަދަލުތަކަކީ ކޮބައިތޯ އާއި ފުލުހުންގެ އިމާރާތްތަކުގެ ސަލާމަތަށް އަޅާފައިވާ ފިޔަވަޅުތަކަކީ ކޮބައިތޯ، މިނިސްޓަރާ ސުވާލު ކުރެއްވުމަށް ޖާބިރު ވަނީ ހުށަހަޅުއްވައިފައެވެ.