އިނގިރޭސި ޕްރިމިއާ ލީގު

ނިއުކާސަލް އިން ޓޮޓެންހަމް ބަލިކޮށްފި

އަލީ ރިފްޝާން

އިނގިރޭސި ޕްރިމިއާ ލީގުގައި ނިއުކާސަލް ޔުނައިޓެޑުން ޓޮޓެންހަމް ހޮޓްސްޕާ ބަލިކޮށްފިއެވެ.

އަމިއްލަ ދަނޑުގައި ރޭ ނިއުކާސަލްއާ ދެކޮޅަށް ކުޅުނު މެޗުން ޓޮޓެންހަމް ބަލިވީ 1-0ގެ ނަތީޖާއަކުންނެވެ.

މެޗުގެ 23 ވަނަ މިނެޓުގައި ނިއުކާސަލަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ނިއުކާސަލްގެ ރެކޯޑު އަގަކަށް މިދިޔަ މަހު އެ ކްލަބާ ގުޅުނު ޖޮއެލިންޓަން ފޮނުވާލި އެ ހަމަލާ، ޓޮޓެންހަމްގެ ކީޕަރު އަދި ކެޕްޓަން ހޫގޯ ލޮރިސް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.

އޭގެ ހަތަރު މިނެޓު ފަހުން ޖޮއެލިންޓަން ވަނީ ލަނޑެއް ޖަހައި، ނިއުކާސަލަށް ލީޑު ހޯދައިދީފައެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ކްރިސްޓިއަން އަޓްސޫ ދިން ބޯޅައެއް ހިފައިގެން ޓޮޓެންހަމްގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ހަމަލާއަކުންނެވެ. އެއީ އޭނާ ޕްރިމިއާ ލީގުގައި ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.

އެ ލަނޑާއެކު ޓޮޓެންހަމް އިން ކުޅުން ރަނގަޅުކޮށް، ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތްތަކެއް ކުރިއެވެ. ނަތީޖާއެއްގެ ގޮތުން އެޓީމަށް ލަނޑު ޖަހާނެ ފުރުސަތުތަކެއް ވެސް ލިބިގެންދިޔައެވެ. އެގޮތުން މެޗުގެ 33 ވަނަ މިނެޓުގައި ސޮން ހެއުން މިންއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. ނިއުކާސަލްގެ ޕެނަލްޓީ އޭރިއާ ތެރެއިން އޭނާ ފޮނުވާލި ހަމަލާ، ކީޕަރު މާޓިން ޑުބްރަވްކާ ވަނީ މަތަކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ނިއުކާސަލް ކުރީގައި އޮވެގެންނެވެ.

މެޗުގެ 79 ވަނަ މިނެޓުގައި ނިއުކާސަލްގެ ޕެނަލްޓީ އޭރިއާ ތެރެއަށް އެޓީމުގެ ޖަމާލް ލަސްކެލޭސް ވެއްޓުމާ ގުޅިގެން، އޭނާ ގައިގައި އަޅައިގެންފައި ޓޮޓެންހަމްގެ ހެރީ ކޭން ވެސް ވެއްޓުނެވެ. އެ ހާދިސާއާ ގުޅިގެން ޓޮޓެންހަމް އިން ޕެނަލްޓީއެއް ކަމަށް ބުނެ، އެޕީލް ކުރުމުން ރެފްރީ ވަނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީ ހޯދައިފައެވެ. ނަމަވެސް ވީއޭއާރް އިން ދެއްކީ އެއީ ޕެނަލްޓީއެއް ނޫން ކަމަށެވެ.

ރޭ ކުޅުނު ޕްރިމިއާ ލީގު މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ވަނީ ރަށުން ބޭރުގައި 3-1ގެ ނަތީޖާއަކުން އޭއެފްސީ ބޯންމައުތު ބަލިކޮށްފައެވެ. އެ މެޗުގައި ސިޓީން ކާމިޔާބުކުރި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ސާޖިއޯ އަގުއެރޯ ކާމިޔާބުކޮށްދިން އިރު، އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ރަހީމް ސްޓާލިންއެވެ. މެޗުގައި ބޯންމައުތުގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހެރީ ވިލްސަންއެވެ.

ލީގު ތާވަލުގެ އެއްވަނައިގައި އޮތް ލިވަޕޫލަށް ކުޅުނު ތިން މެޗުން ނުވަ ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް ސިޓީއަށް ތިން މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ރޭ ނިއުކާސަލް އަތުން ބަލިވި ޓޮޓެންހަމް އޮތީ ކުޅުނު ތިން މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ތާވަލުގެ ހަތްވަނައިގައެވެ. އަދި ނިއުކާސަލް އޮތީ ކުޅުނު ތިން މެޗުން ލިބުނު ތިން ޕޮއިންޓާއެކު ތާވަލުގެ 19 ވަނައިގައެވެ. ޓޮޓެންހަމް އަތުން ހޯދި މޮޅަކީ މިސީޒަނުގެ ލީގުގައި ނިއުކާސަލަށް ހޯދުނު ފުރަތަމަ މޮޅެވެ.