އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ)ގެ ރައީސް ޓަކަހިކޯ ނަކައޯ ރަސްމީ ދަތުރުފުޅެއްގައި މިރޭ ރާއްޖެ ވަޑައިގެންފިއެވެ.
ނަކައޯއަށް ރާއްޖެއިން މަރުހަބާ ވިދާޅުވީ، ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާއި ރާއްޖެއިން އޭޑީބީއަށް ކަނޑައަޅާފައި ހުންނަ ގަވަރުނަރު މަރިޔަމް އަބްދުލް ނާސިރެވެ.
މިއީ ނަކައޯ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ދެ ދުވަހުގެ މުއްދަތަށް ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅުގައި މާދަމާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވާނެއެވެ.
އަދި ނަކައޯ އާއި މިނިސްޓަރު އަމީރު ދެއްވާ ޖޮއިންޓް ޕްރެސް ކޮންފަރެންސެއް މާދަމާ ރައީސް އޮފީހުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ރައީސް އޮފީހުން ބުނީ، އެ ޕްރެސް ކޮންފަރެންސަކީ ނަކައޯއަށް މަރުހަބާ ދެންނެވުމަށާއި އޭޑީބީން ރާއްޖޭގައި ހިންގާ ކަންކަމުގެ މައުލޫމާތު ދެއްވުމަށް ބާއްވަވާ ޕްރެސް ކޮންފަރެންސެއް ކަމަށެވެ.
މީގެ ކުރިން ފިނޭންސް މިނިސްޓަރު އަމީރާއި ނަކައޯ ވަނީ ރާއްޖެއިން ބޭރުގައި ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުވުން ކުރިއަށްދިޔައީ މިދިޔަ މަހު ފީޖީގައި ކުރިއަށްދިޔަ އޭޑީބީގެ އަހަރީ ބައްދަލުވުމުގެ ތެރެއިންނެވެ.