ޚަބަރު

ދާންދޫ ކައުންސިލް އިދާރާގެ އާ އިމާރާތް ރަސްމީކޮށް ހުޅުވައިފި

ޝަހީދާ އަބްދުﷲ ސައީދު

ގއ. ދާންދޫ ކައުންސިލްގެ އާ އިމާރާތް ރަސްމީކޮށް ހުޅުވައި ހިދުމަތް ދޭން ފަށައިފިއެވެ.

ދާންދޫ ކައުންސިލުގެ ރައީސް އިސްމާއީލް މުހައްމަދު ''ވަން އޮންލައިން'' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި އިމާރާތް ރަސްމީކޮށް ހުޅުއްވައިދެއްވީ އެކަމަށްޓަކައި މިއަދު ހަވީރު 4:00 ގައި ބޭއްވި ރަސްމިއްޔާތެއްގައި ގއ. އަތޮޅު ކައުންސިލްގެ ނާއިބު ރައީސް އަހުމަދު ނަޒުމީން ކަމަށެވެ.

މި ރަސްމިއްޔާތުގައި އެ އަތޮޅު ކޮނޑޭ ކައުންސިލްގެ ރައީސާއި އެ އަތޮޅު ނިލަންދޫ ކައުންސިލްގެ ރައީސާއި މާމެންދޫ ކައުންސިލާއި ވިލިނގިލީ ކައުންސިލްގެ މެމްބަރަކު ބައިވެވެވަޑައިގެންނެވި ކަމަށް އިސްމާއީލު ވިދާޅުވިއެވެ.

އަދި އޭގެ އިތުރުން އެކިއެކި މުއައްސަސާތަކުގެ ވެރިންނާއި މުވައްޒަފުންނާއި ކުރީގެ ކައުންސިލްގެ މެމްބަރުންނާއި އާންމު ރައްޔިތުން ބައިވެރިވި ކަމަށް އޭނާ ވިދާޅުވިއެވެ.

އިސްމާއީލު ވިދާޅުވީ، އަލަށް ހުޅުވި މި އިމާރާތުގެ ސަބަބުން ދާންދޫ ކައުންސިލުން ރައްޔިތުންނަށް ދެމުން ގެންދިޔަ ހިދުމަތްތައް އިތުރަށް ފުރިހަމަވެގެންދާނެ ކަމަށެވެ.

ދާންދޫ ކައުންސިލުން ކުރިން ބޭނުންކުރަމުންދިޔަ އިމާރާތުގެ ޖާގައިގެ ދަތިކަން ފިލުވުމަށްޓަކައި ޕީއެސްއައިޕީގެ ތެރެއިން ލޯކަލް ގަވަމަންޓް އޮތޯރިޓީ މެދުވެރިވެގެން 2015 ވަނަ އަހަރު އިމާރާތް ކުރަން ފެށުނު މި އިމާރާތުގެ މަސައްކަތް ނިންމާފައި ވަނީ މީގެ ދެ އަހަރު ކުރިން ކަމަށް އިސްމާއީލް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އިމާރާތް ހުޅުވުން ލަސްވީ އެ ސަރަހައްދަށް ކަރަންޓް ދިނުމުގައި ދިމާވި ދަތިތަކެއްގެ ސަބަބުން ކަމަށެވެ.

މިއީ ދައުލަތުގެ ބަޖެޓުން 6،70،0369.40 ރުފިޔާ ހަރަދުކޮށްގެން އިމާރާތްކޮށްފައިވާ އިމާރާތެކެވެ. މި އިމާރާތުގެ ބިންގާ އެޅީ 6 ޑިސެމްބަރު 2015 ގައެވެ.