ޚަބަރު

ރައީސް، ސުޕްރީމް ކޯޓަށް އަންހެން ބޭފުޅުން ނޮމިނޭޓް ކުރެއްވީ އިލްމުވެރިންގެ ލަފާފުޅަށްފަހު: ނަޝީދު

ފަތޯނާ ފާއިޒު

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ދެ އަންހެން ބޭފުޅުންގެ ނަން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނޯމިނޭޓް ކުރެއްވީ، ރާއްޖެ އާއި ބޭރުގެ އިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތް ބެއްލެވުމަށްފަހު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ދެ އަންހެން ބޭފުޅުން އައްޔަންކުރުމާމެދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ލަފައަކަށް ރައީސް ސޯލިހު އެދިވަޑައިގަތުމުން، އެކަމާމެދު ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިންގެ މެދުގައި ހިޔާލު ތަފާތުވުން ތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ތަޖުރިބާކާރު ދެ އަންހެން ބޭފުޅުންގެ ނަންފުޅު ރައީސް ސޯލިހު ނޮމިނޭޓް ކުރެއްވީ ރާއްޖެ އާއި ބޭރުގެ އިސްލާމީ ގިނަ އިލްމުވެރިންގެ ލަފާފުޅަށް ބެއްލެވުމަށްފަހު ކަމަށެވެ. އަދި އެ ނިންމެވުމަށްޓަކާ އެމަނިކުފާނަށް ރައީސް ނަޝީދު ވަނީ މަރުހަބާ ދަންނަވައިފައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ސިވިލް ކޯޓުގެ ކުރީގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އައްޔަން ކުރުމާމެދު ޖޭއެސްސީގެ ލަފައަކަށް ރައީސް ސޯލިހް އެދިވަޑައިގެން އެ ކޮމިޝަނަށް ނަންފުޅު ފޮނުއްވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އަދި ޖެހިގެން އައި ދުވަހު ޖޭއެސްސީން ވަނީ އެ ދެ ބޭފުޅުންގެ ނަން ބަލައިގަންނަން ނިންމަވައިފައެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓް