ފަނޑިޔާރުކަމުގެ މަގާމަށް އަންހެން ބޭފުޅަކު އައްޔަން ކުރުމަކީ ރާއްޖޭގެ ގާނޫނު އަސާސީ ހިލާފުވާ ކަމެއް ނޫން ކަމަށް ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީން ބުނެފިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން ޖޭއެސްސީއަށް ނަންފުޅު ފޮނުއްވި ދެ އަންހެން ބޭފުޅުންނާ ގުޅޭގޮތުން ދައްކަމުންދާ ވާހަކަތަކާ ގުޅިގެން އެމްޑީޕީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ދެ އަންހެން ބޭފުޅުންގެ ނަންފުޅު ފޮނުއްވާތީ އެޕާޓީން ރައީސް ސޯލިހަށް މަރުހަބާ ދަންނަވާ ކަމަށެވެ.
އަދި ފަނޑިޔާރުކަމުގެ މަގާމަށް އަންހެން ބޭފުޅަކު އައްޔަން ކުރުމަކީ ގާނޫނުއަސާސީ އާއި ރާއްޖޭގައި އަމަލުކުރަމުން އަންނަ އެއްވެސް ގާނޫނަކާ ހިލާފު ކަމެއް ނޫން ކަމަށާއި އެއީ އިސްލާމްދީނުގެ އެއްވެސް އަސާސަކާ ވެސް ހިލާފު ކަމެއް ކަމުގައި ނުދެކޭ ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.
އެގޮތުން އެ މައްސަލާގައި ކޮށްފައިވާ ގިނަ ދިރާސާތަކާއި ބައިނަލްއަގްވާމީ ގިނަ އިސްލާމީ ޖަމިއްޔާތަކުގެ ރައުޔަށް ބަލާއިރުވެސް ކޯޓުތަކުގައި ޝަރީއަތް ކުރުމަށް އަންހެން ޖިންސުގެ ފަނޑިޔާރުން ތިބުމަކީ އެޖަމިއްޔާތަކުގެ ރައުޔުގައި އިސްލާމްދީނުގެ އެއްވެސް އަސްލަކާ ހިލާފު ކަމެއް ނޫން ކަމަށް ވެސް އެމްޑީޕީން ބުނެއެވެ.
އެމްޑީޕީން ބުނީ، ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު ބައެއް ހިއްސާ ކުރަނީ އަންހެނުން ކަމަށްވާއިރު ގައުމު ބިނާ ކުރުމުގެ މަސައްކަތުގައި ވަކިން ހާއްސަކޮށް ޕްރޮފެޝަނަލް މަސައްކަތްތައް ކުރުމުގައި އާބާދީގެ ދެބައިކުޅަ އެއްބައި ބާކީކޮށްފައި ގައުމެއް ބިނާ ކުރެވިދާނެ ކަމަށް އެ ޕާޓީން ގަބޫލުނުކުރާ ކަަމަށެވެ.
"އިގްތިސާދީ ކަންކަމުގެ އިތުރުން އިޖްތިމާއީ އެންމެހައި ކަންކަމުގައި ވެސް ބަސްބުނެ ގޮތް ނިންމުމުގެ ބާރު ފިރިހެނުންނެކޭ އެއް ގޮތަށް އަންހެނުންނަށް ވެސް ލިބިދޭން ޖެހޭނެއެވެ. މިޕާޓީ ގަބޫލުކުރާ އެއްމެ އަސާސީ އެއް އުސޫލަކީ، އިންސާނަކު ނިސްބަތްވާ ޖިންސެއްގެ ސަބަބުން އެމީހަކު ކުރަން ބޭނުންވާ މަސައްކަތެއް ކުރުން އޭނާއަށް ހުރަހަކަށް ވެގެން ނުވާނެ ކަމުގެ އުސޫލެވެ،" އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.
އެޕާޓީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، މީގެ އެތައް އަހަރެއް ކުރިން ވެސް ރާއްޖޭގެ ޝަރުއީ ކޯޓުތަކުގައި ޝަރީއަތް ކުރުމަށް އަންހެން ޖިންސުގެ ފަނޑިޔާރުން އައްޔަން ކޮށްފައިވާ ކަމަށެވެ.
އަދި ރައީސް ޖޭއެސްސީއަށް ނަންފުޅު ފޮނުއްވި އަންހެން ދެ ފަނޑިޔާރުންނަކީ ވެސް ރާއްޖޭގެ ހައިކޯޓުގަ އާއި ސިވިލް ކޯޓުގައި އެތައް ބައިވަރު ޝަރީއަތްތަކެއް ކުރައްވައި އެކަމުގެ އެތައް ބައިވަރު ތަޖުރިބާތަކެއް ލިބިވަޑައިގެންފައިވާ ކުރީގެ ދެ ފަނޑިޔާރުންކަން އެމްޑީޕީން ފާހަގަކޮށްފައިވެއެވެ.