ޚަބަރު

ސިންގަޕޫރުގެ ސަފީރު، ރައީސް ސޯލިހުގެ އަރިހަށް ވަދާއީ ޒިޔާރާތް ކުރައްވައިފި

ފަތޯނާ ފާއިޒު

ސިންގަޕޫރު ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޗުއާ ތިއާން ޕޯ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހަށް ވަދާއީ ޒިޔާރަތް ކުރައްވައިފިއެވެ.

މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވި އެ ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ވަނީ ސިންގަޕޫރު ސަފީރު، ފާއިތުވި ހަތަރު އަހަރު ދުވަހު ރާއްޖެ އާއި ސިންގަޕޫރުގެ ގުޅުން ބަދަހިކުރައްވަން ކުރެއްވި ހިދުމަތުގެ އަގު ވަޒަން ކުރައްވައި، އެމަނިކުފާނަށް ޝުކުރު އަދާކުރައްވައިފައެވެ.

އަދި އެމަނިކުފާނާއި އެމަނިކުފާނުގެ އަނބިކަނބަލުން ސިންގަޕޫރަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި އެގައުމުގެ ސަރުކާރުން ދިވެހި ވަފުދާ ދޭތެރޭގައި ބެހެއްޓެވި ގާތް ކަމާއި ބެހެއްޓެވި މެހެމާންދާރީ ފާހަގަކުރައްވާ އެކަމަށް ވެސް ރައީސް ސޯލިހު ސަފީރަށް ޝުކުރު ދެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ރާއްޖެ އާއި ސިންގަޕޫރާ ދެމެދުގައި އޮތް ދޭދޭ ގުޅުން ބިނާވެފައިވާ ދާއިރާތަކުގެ މައްޗަށް އަލިއަޅުއްވާ ލައްވައިފައެވެ. އެގޮތުން ރާއްޖޭގެ ތަރައްގީގައި ސިންގަޕޫރުން މުހިންމު ދައުރެއް އަދާކުރަމުންގެންދާ ކަމަށާއި ބޯހިޔާވަހިކަމާއި ތައުލީމީ ދާއިރާ އަދި ކުނި މެނޭޖްކުރުމުގެ ދާއިރާއިން ވެދީފައިވާ އެހީތެރިކަން ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ.

ސިންގަޕޫރުގެ ސަފީރުގެ ވާހަކަފުޅުގައި ރާއްޖެއަށް ހިދުމަތް ކުރެއްވުމަކީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޝަރަފެއް ކަމުގައި ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސް ސޯލިހު ވަނީ ސިންގަޕޫރުގެ ސަފީރަށް ކުރިމަގުގައި ކާމިޔާބީއަށް އެދިވަޑައިގެން ހެޔޮއެދުންތައް އަރިސްކުރައްވައިފައެވެ.