ޚަބަރު

ފަނޑިޔާރުންގެ މަގާމަށް އަންހެނުން އައްޔަންކުރުމަކީ ފާފަވެރިވާނެ ކަމެއް ނޫން: އަދާލަތު ޕާޓީ

ފަތޯނާ ފާއިޒު

1

ފަނޑިޔާރު ކަމަށް އަންހެނުން އައްޔަން ކުރުމަކީ އިސްލާމީ އިލްމުވެރިންގެ މެދުގައި ރައުޔު ތަފާތުވެ، ޚިލާފު އުފެދިފައިވާ މައްސަލައަކަށް ވުމުން އެކަމުގައި ކޮންމެ ރައުޔެއް އިހްތިޔާރުކުރި ނަމަވެސް ފާފަވެރި ނުވާނެ ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.

އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން އެހެން ބުނެ މިރޭ ބަޔާނެއް ނެރެފައި މިވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ދެ އަންހެން ބޭފުޅުން އައްޔަންކުރުމާމެދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ލަފައަކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެދިވަޑައިގަތުމުން، އެކަމާމެދު ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިންގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް ހުރުމުންނެވެ.

އެ މައްސަލަ ދިރާސާކޮށް އަދި މިވަގުތު ދުނިޔޭގެ ބޮޑެތި އިސްލާމީ ގައުމުތަކުން މިކަމުގައި އާންމު ކޮށްފައިވާ ރަސްމީ އަދި އިލްމީ ބަހުސް ތަކާއި ފަތުވާތަކަށް ބެލުމަށްފަހު އަދާލަތު ޕާޓީން ނެރުނު ބަޔާނުގައި ބުނީ، އަންހެން ފަނޑިޔާރުން އައްޔަން ކުރުމުގެ މައްސަލައިގައި އިލްމުވެރިންގެ ތިން ރައުޔެއް އައިސްފައިވާ ކަމަށެވެ.

އޭގެ ތެރެއިން ޖުމްހޫރު އިލްމުވެރިންގެ ތެރެއިން މާލިކީ މަޒްހަބާއި ޝާފިއީ މަޒްހަބާއި ހަންބަލީ މަޒްހަބުގެ އިތުރުން ހަނަފީ މަޒްހަބުގެ އިމާމު ޒުފަރުގެ ރައުޔަކީ ވެސް ފަނޑިޔާރުކަމުގެ މަގާމަށް އަންހެނަކު އައްޔަން ކުރުމަކީ މުތުލަގުކޮށް ހުއްދަކަމެއް ނޫން ކަމުގެ ރައުޔު ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ދެވަނަ ރައުޔަކީ ހައްދާއި ގިސާސްގެ މައްސަލަތައް ފިޔަވައި އެހެން މައްސަލަތަކުގައި އަންހެނަކު ފަނޑިޔާރުކަން ކުރުމަކީ ހުއްދަ ކަމެއް ކަމުގެ ރައުޔެވެ. އެ ރައުޔު ވާރިދުވެފައިވަނީ ހަނަފީ މަޒްހަބުގެ އިލްމުވެރިންގެ ތެރެއިން އަލްއިމާމު ޒުފަރު ފިޔަވާ ދެން ތިއްބެވި އިލްމުވެރިންނާއި މާލިކީ މަޒްހަބުގެ ބައެއް އިލްމުވެރިންގެ ފަރާތުންނެވެ.

ތިން ވަނަ ރައުޔަކީ ފަނޑިޔާރުކަމުގެ މަގާމަށް އަންހެނަކު އައްޔަންކުރުމަކީ މުތުލަގުކޮށް ހުއްދަކަމެއް ކަމުގެ ރައުޔެވެ. ނަމަވެސް އެއްވެސް ގައިދެއް އިސްތިސްނާއެއް ނެތި ހުރިހާ ބާވަތެއްގެ މައްސަލަތަކެއްގައި އަންހެނުންނަށް ފަނޑިޔާރުކަން ކުރެވިދާނެ ކަމަށް ވާރިދުވެފައިވަނީ ކުރީގެ އިލްމުވެރިންކުރެ ވަރަށް މަދު އިލްމުވެރިންތަކެއްގެ އަރިހުން ކަމަށް އަދާލަތު ޕާޓީން ބުނެއެވެ.

އަދާލަތު ޕާޓީން ބުނީ، އިސްލާމީ އުންމަތުގައި އެކި ޒަމާންތަކުގައި އުފެދިގެން އައި ބޮޑެތި ބޮޑެތި އިލްމުވެރިންނާއި އެއް ޖީލަށްފަހު އައި އަނެއް ޖީލެއްގެ އިލްމުވެރިންކުރެ މިއަދާހަމައަށް އައި ހުރިހާ ޖީލެއްގެ ޖުމްހޫރު އިލްމުވެރިންގެ ރައުޔަކީ ވެސް ގާޒީ ކަމަށް އަންހެނަކު އައްޔަނުކުރުން ހުއްދަ ނޫން ކަމަށެވެ.

ނަމަވެސް އެ މައްސަލައަކީ މުޖުތަހިދު އިލްމުވެރިންގެ މެދުގައި އިހްތިލާފު އުފެދިފައިވާ މައްސަލައަކަށްވާއިރު، އެކަމުގައި ވަކި މީހަކު ދެކޭ ގޮތް އެއީ އެންމެ ރަނގަޅު ގޮތް ކަމަށްބުނެ، އެ ނޫން ގޮތަށް ދެކޭ މީހާއަކީ މަގުފުރެދިފައިވާ ނުވަތަ އިސްލާމީ ޝަރީއަތަށް ގޮންޖަހާ މީހެއް ކަމަށް ބުނެވޭނެ ޖާގައެއް ނެތް ކަމަށް އަދާލަތު ޕާޓީން ބުނެއެވެ.

އަދި އިސްލާމީ ޝަރީއަތުގައި އިލްމުވެރިންގެ މެދުގައި ހިލާފު އުފެދިފައިވާ މައްސަލަތަކުގައި ހިޔާލު ތަފާތުވާ ހާލަތްތަކުގައި އަމަލުކުރުން އޮތްގޮތަކީ އަނެކާގެ ރައުޔަށް އިހްތިރާމް ކުރުމާއި އިހްލާސްތެރިކަމާއެކު ކީރިތި ޤުރުއާނާއި ސައްހަ ހަދީސާއި އިލްމުވެރިންގެ އިޖްތިމާ އާއި ދެންވެސް ހުރި ޝަރުއީ މަސްދަރުތަކުން ފެންނަން އެބަ އޮތް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އެހެންކަމުން އަދާލަތު ޕާޓީން ދެކޭގޮތުގައި، އިހްލާސްތެރިކަމާއެކު ހިލާފީ މައްސަލައެއްގައި ވަކި ރައުޔެއް އިހްތިޔާރުކުރާ މީހާ އޭނާއަށް އިހްތިޔާރުކުރެވުނީ އެކަމުގައި އޮތް ގޯސް ރައުޔުކަމުގައި ވީނަމަވެސް ފާފަވެރި ނުވާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އަދި އެފަދަ މައްސަލަތަކުގައި ރައްޔިތުންގެ މެދުގައި ނަފްރަތު އުފެދި ބައިބައިވުން އުފެދޭ ގޮތަށް ވާހަކަދައްކާ، ހަބަރު ނުފެތުރުމަށާއި ވަކިން ހާއްސަކޮށް އިލްމުވެރިން އެކަންކަމުން ދުރުހެލިވުމަށް އަދާލަތު ޕާޓީގެ ބަޔާނުގައި ގޮވާލައްވާފައިވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟