ޖުޑީޝަލް ސާވިސް ކޮމިޝަން

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލި ފަރާތްތަކާ މިރޭ އިންޓަވިއުކުރަނީ

ޝަހީދާ އަބްދުﷲ ސައީދު

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ކުރިމަތިލެއްވި ބޭފުޅުންނާ މިރޭ އިންޓަވިއުކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ބުނީ، ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ލަފާއެރުވުމަށްޓަކައި، ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ފަނޑިޔާރުންނާ އިންޓަވިއު ކުރުން މިރޭ 7:00 އިން ފެށިގެން ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ކޮމިޝަނުގެ ބޭނުމަށް އިންޓަވިއުގެ ވީޑިއޯ ރެކޯޑް ކުރުމަށް ނިންމާފައިވާ ކަމަށްވެސް ޖޭއެސްސީން ބުންޏެވެ.

ޖޭއެސްސީން ބުނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ރައީސުލްޖުމްހުރިއްޔާ ފޮނުއްވި ދެ ނަންފުޅުގެ އިތުރުން އެ ކޮމިޝަނުން ފަނޑިޔާރު ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލުމުން ހައި ކޯޓުގެ ހަތަރު ފަނޑިޔާރަކުވެސް ކުރިމަތިލާފައިވާ ކަމަށެވެ.

ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލުމުން، ކުރިމަތިލާފައިވަނީ ހައި ކޯޓުގެ ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާގެ އިތުރުން ފަނޑިޔާރު މުހައްމަދު ނިޔާޒެވެ.

އޭގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޖޭއެސްސީއަށް ފޮނުއްވާފައިވަނީ ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ އާއިޝަތު ޝުޖޫންގެ ނަމެވެ.