ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް

ނައިބު ރައީސް ދ. އަތޮޅު ކައުންސިލާއި ބައްދަލު ކުރައްވައިފި

މަރިޔަމް ޝަހުދާ

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ދ އަތޮޅު ކައުންސިލްގެ މެންބަރުންނާއި ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުވުން އޮތީ މިއަދު ހެނދުނު ރާއީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުވުމުގައި ދ އަތޮޅު ކައުންސިލްގެ މެންބަރުން ވަނީ އަތޮޅުގެ ތަރައްގީއަށް ރާވާފައިވާ މަސައްކަތްތަކާއި ރައްޔިތުންނަށް ދިމާވާ ދަތިތަކާއި ގުޅޭ މައުލޫމާތު ނައިބު ރައީސްއާ ހިއްސާ ކުރައްވާފައެވެ. އަދި ދ އަތޮޅުގެ އެކި ރަށްރަށުގެ ކުރިއެރުމަށް ހުރި ދަތިތަކުގެ މައުލޫމާތުވެސް ދ އަތޮޅު ކައުންސިލަރުން ވަނީ ނައިބު ރައީސް އާއި ހިއްސާ ކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

މި ބައްދަލުވުމުގައި ދ އަތޮޅު ރަށްރަށުގެ ސިއްހީ ދާއިރާއިން ހުރި މައްސަލަތަކުގެ އިތުރުން އެ އަތޮޅު ރަށްރަށަށް ދިމާވެފައިވާ ސާފު ބޯފެނާއި ނަރުދަމާގެ މައްސަލަތައް ކައުންސިލަރުން ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން އަތޮޅުގެ ވަކި ވަކި ރަށްރަށަށް ދިމާވެފައިވާ މައްސަލަތައް ކައުންސިލްގެ ފަރާތުން ވަނީ ފާހަގަ ކުރައްވާފައެވެ.

އަތޮޅުގެ ވަކިވަކި ރަށްރަށަށް ދިމާވެފައިވާ މައްސަލަތަކުގެ ތެރެއިން އެއަތޮޅު މީދުއަށް ދިމާވެފައިވާ ބަނދަރުގެ މައްސަލައާއި ހިއްކި ބިން ދޫކުރުމުގެ މައްސަލަ އަތޮޅު ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން ބަނޑިދުއަށް ދިމާވެފައިވާ ކައުންސިލު އިދާރާގެ ޖާގައިގެ ދަތިކަން އަދި އެރަށު މަލްޓިޕާޕަސް ހޯލުގެ މައްސަލަ ކައުންސިލުން ވަނީ ނައިބު ރައީސްއާ ހިއްސާ ކުރައްވާފައެވެ. އަދި ރިނބޫދޫ ފަޅު ގޯތިތަކުގެ މައްސަލަތަކާއި ލޯކަލް ޓޫރިޒަމް ކުރިއަށް ގެންދިއުމުގައި ދިމާވާ މައްސަލަތަކުގެ އިތުރަށް އެ އަތޮޅު ހުޅުދެލީ ބަނދަރުގެ މައްސަލައާއި މާއެނބޫދޫގެ ބަނދަރުގެ މައްސަލަތައްވެސް ކައުންސިލްގެ ފަރާތުން ނައިބު ރައީސްއާ ހިއްސާކުރެއްވި އެވެ.

ނައިބު ރައީސް ވަނީ އަތޮޅު ކައުންސިލަރުން ހިއްސާކުރެއްވި ކަންކަމާއި ގުޅޭ ގޮތުން ކަމާ ގުޅޭ މިނިސްޓްރީ ތަކާއި މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ވީހާވެސް އަވަހަކަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ނައިބު ރައީސް ވިދާޅުވި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.