ތުއްތުކުދިންނަށް ހާއްސަކޮށްގެން ހިންގާ މާފަންނު މަދަރުސާއަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، މިއަދު ހެނދުނު ޒިޔާރާތް ކުރައްވައި އެ ސުކޫލުގެ ތުއްތުކުދިންނާ ބައްދަލުކުރައްވައި އެކުދިންނާއެކު ވަގުތުކޮޅެއް ހޭދަކޮށްލައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ މިއީ މާފަންނު މަދަރުސާގެ ދައުވަތަކަށް ރައީސުލް ޖުމްހުރިއްޔާ ކުރެއްވި ޒިޔާރަތެއް ކަމަށާއި މި ޒިޔާރާތުގައި އެމަނިކުފާނު ވަނީ ސުކޫލުގެ އެކި ކުލާސްތަކަށް ވަޑައިގެން އެކުދިންނާއެކު ވަގުތުކޮޅެއް ހޭދަކޮށްލައްވާފައި ކަމުގައެވެ.
މާފަންނު މަދަރުސާއަށް ވަޑައިގެންނެވުމުން ރައީސަށް މަރުހަބާ ދެންނެވުމަށްފަހު ސުކޫލުގެ ދަރިވަރުންގެ ފަރާތުން އެމަނިކުފާނަށް ވަނީ ހަނދާނީ ފިލައެއް އަރުވާފައިކަމަށާއި ރައީސުލް ޖުމްހުރިއްޔާ ވަނީ ސުކޫލުގެ ދަރިވަރުންނާއެކު ހަނދާނީ ފޮޓޯ ވެސް ނަންގަވާފައިކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.
ރައީސުލްޖުމްހޫރިއްޔާ މާފަންނު މަދަރުސާއަށް ޒިޔާރަތް ކުރެއްވި މި ދުވަސްކޮޅަކީ އެ ސްކޫލުގެ ތުއްތުކުދިންނަށް ގައުމިއްޔަތާއިބެހޭ އެކިއެކި މައުލޫމާތު ހިމެނޭ ފިލާވަޅުތައް ނަގައިދެމުން އަންނަ ދުވަސްވަރެކެވެ.
މިއަދު ރައީސް ސޯލިހު މާފަންނު މަދަރުސާއަށް ކުރެއްވި ޒިޔާރާތުގައި އެމަނިކުފާނާއެކު، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.