އެފްއޭއެމް

ދަގަނޑޭއާއި ބައްސާމް ބައްދަލުކޮށްފި

އަލީ ރިފްޝާން

ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލް ބައްދަލުކޮށްފިއެވެ.

ދަގަނޑޭ ވަނީ އޭނާއާއި ބައްސާމްއާއެކު ބޭއްވި ބައްދަލުވުމުގެ ފޮޓޯއެއް އޭނާގެ ފޭސްބުކް ޕޭޖުގައި ޕޯސްޓުކޮށްފައެވެ.

އެ ފޮޓޯއާއެކު ހިއްސާކުރަމުން ސަޕޯޓަރުންނަށް ދިން މެސެޖުގައި ދަގަނޑޭ ބުނެފައިވަނީ ބައްސާމްއާއެކު ވަރަށް ރަނގަޅު ވާހަކަތަކެއް ދެކެވުނު ކަމަށާއި ރާއްޖޭގެ ފުޓްބޯޅައިގެ ކުރިމަގާ ގުޅޭގޮތުން ވަރަށް ރަނގަޅު އުންމީދީ ވާހަކަތަކެއް ދެކެވުނު ކަމަށެވެ.

ދަގަނޑޭ އާއި ބައްސާމްއާ ބައްދަލުކޮށްފައި މިވަނީ، ގިނަ ބަޔަކު ދަގަނޑޭ އަލުން ގައުމީ ޓީމަށް ނެގުމަށް ގޮވާލަމުން ދަނިކޮށެވެ. ދަގަނޑޭއަށް އަލުން ގައުމީ ސްކޮޑުން ޖާގަ ދޭން ޖެހޭ ކަމަށް ގޮވާލި މީހުންގެ ތެރޭގައި ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހުލޫފު ވެސް ހިމެނިވަޑައިގަންނަވައެވެ.

އަންނަ މަހު ރާއްޖެއިން ކުޅޭ ވޯލްޑް ކޮލިފިކޭޝަންގެ ދެ މެޗަށް ނެގި ގައުމީ ޓީމުގެ ސްކޮޑުގައި ދަގަނޑޭ ހިމަނާފައި ނުވަނީ، ގައުމަށް ހިދުމަތްކުރަން ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން ކުރިއަށް އޮތް ތަނުގައި ވެސް އުފަލާއެކު ހިފާނެ ކަމަށް އޭނާ ބުނެފައިވަނިކޮށެވެ. ގިނަ ބަޔަކު ފާހަގަކުރާ ގޮތުގައި ގައުމީ ކޯޗު ޕީޓާ ސެގަޓް، ގައުމީ ޓީމުން ދަގަނޑޭއަށް ފުރުސަތު ނުދެނީ ޒާތީ ކަމެއްގެ ސަބަބުންނެވެ. އަދި ކޯޗުކަމުގެ މަގާމުން ސެގަޓް ދުރުކުރުމަށް ވެސް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.

ކުރިއަށް އޮތް ދެ މެޗަށް ނެގި ސްކޮޑުގައި ވެސް ދަގަނޑޭ ހިމަނާފައި ނުވަނީ ކީއްވެގެންތޯ ސުވާލުކުރުމުން ގައުމީ ޓީމުގެ ކޯޗު ސެގަޓް ބުނެފައިވަނީ ޒާތީ އެއްވެސް މައްސަލައެއް ނެތް ކަމަށާއި ސްކޮޑުގައި ދަގަނޑޭ ހިމަނާފައިނުވަނީ އުމުރުން ދޮށިވުމުން ކަމަށެވެ.

ގިނަ އަހަރުތަކެއް ވަންދެން ގައުމީ ޓީމުގެ ކެޕްޓަނެއްގެ ދައުރު އަދާކުރި ދަގަނޑޭއަށް މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި ސްކޮޑުން ވަކި ކުރި ފަހުން ގައުމީ ކޯޗު ޕީޓާ ސެގަޓް، ގައުމީ ޓީމުން ފުރުސަތެއް ދީފައެއް ނުވެއެވެ. އެފަހަރު ދަގަނޑޭ ސްކޮޑުން ވަކި ކޮށްފައިވަނީ އޭއެފްސީ ކަޕްގައި މިދިޔަ އަހަރުގެ މާޗް މަހު ބޫޓާންއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރު ނުވި މައްސަލައާ ގުޅިގެންނެވެ.