އޯލްޑް ޓްރެފަޑްގައި ކްރިސްޓަލް ޕެލަސް އިން މެންޗެސްޓާ ޔުނައިޓެޑް މާޔޫސްކޮށްލައިފިއެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ އަމިއްލަ ދަނޑު، އޯލްޑް ޓްރެފަޑްގައި ރޭ ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނު އިނގިރޭސި ޕްރިމިއާ ލީގު މެޗުން ޔުނައިޓެޑް ބަލިވީ 2-1ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުން ލީޑު ހޯދުމަށް މަސައްކަތްކުރަމުން ދަނިކޮށް، ޕެލަސް އިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. މެޗުގެ 32 ވަނަ މިނެޓުގައި ޖެފްރީ ޝްރުޕް ދިން ބޯޅައަކުން ޕެލަސްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޖޯޑަން އަޔޫއެވެ.
ޕެލަސް އިން ލީޑު ހޯދުމާއެކު ޔުނައިޓެޑުން ވަނީ ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުނައިޓެޑަށް މާ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ޕެލަސް ކުރީގައި އޮވެގެންނެވެ.
މެޗުގައި ޔުނައިޓެޑަށް ނަތީޖާ ހަމަހަމަކުރުމަށް ލިބުނު އެންމެ ރަނގަޅު ފުރުސަތަކީ މެޗުގެ 70 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއެވެ. ޔުނައިޓެޑަށް ލިބުނު އެ ޕެނަލްޓީން މާކަސް ރަޝްފާޑު ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައި ވަނިކޮށް، ޔުނައިޓެޑަށް އުންމީދެއް އާކޮށްދިނީ މިސީޒަނުގައި އެޓީމާ ގުޅުނު ޑެނިއެލް ޖޭމްސްއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ އެންތޮނީ މާޝިއަލް ދިން ބޯޅައަކުންނެވެ.
މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ޕެލަސް އިން ވަނީ އިތުރު ލަނޑެއް ޖަހައި، އަނެއްކާވެސް ލީޑު ހޯދައިފައެވެ. ކައުންޓާ އެޓޭކެއްގެ ތެރެއިން ޕެލަސްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ނެދަލޭންޑްސް ޑިފެންޑަރު ޕެޓްރިކް ވޭން އާންހޯލްޓްއެވެ.
ޕްރިމިއާ ލީގުގައި ރޭ ޗެލްސީން ވަނީ އެޓީމުގެ ފުރަތަމަ މޮޅު ހޯދައިފައެވެ. ނޯވިޗް ސިޓީއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު އެ މެޗުން ޗެލްސީ މޮޅުވީ 3-2ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ޗެލްސީން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކޮށްދިނީ ޓެމީ އަބްރަހަމްއެވެ. އަދި އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ މޭސަން މައުންޓެވެ. އެ މެޗުގައި ނޯވިޗްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ޓޮޑް ކޭންޓްވެލް އާއި ޓީމޫ ޕުއްކީއެވެ.
ލީގު ތާވަލުގައި ޔުނައިޓެޑް އޮތީ ކުޅުނު ތިން މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ފަސްވަނައިގައެވެ. އަދި ޗެލްސީ އޮތީ ކުޅުނު ތިން މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ތާވަލުގެ 12 ވަނައިގައެވެ.