އިނގިރޭސި ޕްރިމިއާ ލީގު

އާސެނަލް ބަލިކޮށް، ލިވަޕޫލުން ލީގު ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފި

އަލީ ރިފްޝާން

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް ބަލިކޮށް، ލިވަޕޫލުން ލީގު ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފިއެވެ.

އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި އާސެނަލް އަތުން ލިވަޕޫލް ކުރި ހޯދީ 3-1ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅުގައި އާސެނަލްގެ ފަރާތުން ނުރައްކާތެރި ކުޅުމެއް ފެނިގެންދިޔައެވެ. އެގޮތުން މިސީޒަނުގައި އެޓީމާ އަލަށް ގުޅުނު ނިކޮލަސް ޕެޕޭއަށް ލިބުނު ދެ ފުރުސަތެއް ފާހަގަކޮށްލެވެއެވެ. އޭނާ ފޮނުވާލި އެ ދެ ހަމަލާ ވެސް ލިވަޕޫލްގެ ކީޕަރު އެޑްރިއަން ވަނީ މަތަކޮށްފައެވެ.

ލިވަޕޫލުން ކުޅުން ރަނގަޅުކޮށް ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް، އެޓީމުން ވަނީ ލީޑު ހޯދައިފައެވެ. އެލެކްސެންޑާ އާނޯލްޑް ނަގައިދިން ކޯނަރަކުން ލިވަޕޫލަށް ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރު ޖޮއެލް މަޓިޕްއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ ތިން މިނެޓު ތެރޭ ލިވަޕޫލަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ލިވަޕޫލަށް އެ ޕެނަލްޓީ ލިބުނީ އާސެނަލްގެ ޕެނަލްޓީ އޭރިއާ ތެރެއިން މުހައްމަދު ސަލާހަށް ޑޭވިޑް ލުއިޒް ކުރި ފައުލަކާ ގުޅިގެންނެވެ. ލިވަޕޫލަށް ލިބުނު ޕެނަލްޓީ، އެޓީމަށް ކާމިޔާބުކޮށްދިނީ ސަލާހެވެ.

މެޗުގެ 58 ވަނަ މިނެޓުގައި ލިވަޕޫލުން ވަނީ ތިން ލަނޑުގެ ލީޑެއް ހޯދައިފައެވެ. ފަބީނިއޯ ދިން ބޯޅައަކުން ލިވަޕޫލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ދެވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިން ސަލާހެވެ.

މެޗުގައި އާސެނަލުން ޖެހި ހަމައެކަނި ލަނޑު ފެނިގެންދިޔައީ މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށެވެ. އާސެނަލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ އުރުގުއާއީ މިޑްފީލްޑަރު ލޫކަސް ޓޮރޭރާއެވެ.

މިސީޒަނުގެ ޕްރިމިއާ ލީގުގައި ކުޅުނު ތިން މެޗުން ވެސް ލިވަޕޫލް ވަނީ މޮޅުވެފައެވެ. ކުޅުނު ތިން މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި ލިވަޕޫލް އޮތް އިރު، ތިން މެޗުން ލިބުނު ހަ ޕޮއިންޓާއެކު އާސެނަލް އޮތީ ދެވަނައިގައެވެ. ތިންވަނައިގައި އޮތް ލެސްޓާ ސިޓީއަށް ތިން މެޗުން ފަސް ޕޮއިންޓް ލިބިފައިވާ އިރު، ހަތަރު ވަނައިގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއެވެ. ސިޓީއަށް، ކުޅުނު ދެ މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ.