ފަސްވަނަ ވޯލްޑް ޓުއަރިޒަމް ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަތުމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މެލޭޝިއާއަށް ފުރާވަޑައިގެންފި އެވެ.
ދުނިޔޭގެ ފަތުރުވެރިކަމާބެހޭ ޖަމިއްޔާ، ޔޫއެންޑަބްލިއުޓީއޯ އިން ދެއްވި ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މެލޭޝިއާގެ ކުއަލަލަމްޕޫރަށް މިނިސްޓަރު ފުރާ ވަޑައިގެންނެވީ ރޭގެ ވަގުތެއްގައެވެ. ''ބިއޯންޑް ޓުއަރިޒަމް - ބިއޯންޑް އެކްސްޕެކްޓޭޝަން'' ޝިއާރުގެ ދަށުން ކުރިއަށްދާ މި ކޮންފަރެންސް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ މި އޮގަސްޓްމަހު 26 އިން 28 އަށެވެ.
މި ކޮންފަރެންސްގެ ފުރަތަމަ ސެޝަން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ ''ފިއުޗާ އޮފް ޓުއަރިޒަމް - ނިއު ސޯސަސް އޮފް ގްރޯތް'' ގެ ދަށުންނެވެ.
މި ސެޝަންގައި މިނިސްޓަރ ވަހީދު ކޮންފަރެންސްގެ ބައިވެރިންނާ މުހާތަބު ކުރައްވާ ތަގުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ކުރިމަގު އާ މިސްރާބަކަށް ގެންދިއުމަށް ކުރައްވާ ތަސައްވުރާއި އެކަންކަން ހާސިލް ކުރެވޭނެ ގޮތްތަކާއި ގުޅޭ ގޮތުން މިނިސްޓަރު އަލީ ވަހީދުގެ ތަގުރީރުގައި ވާހަކަ ދައްކަވާނެ ކަމަށް ޓުއަރިޒަމް މިނިސްޓްރީ އިން މައުލޫމާތު ދެއެވެ.
މި ދަތުރުފުޅުގައި އެގައުމުގެ ޓުއަރިޒަމް މިނިސްޓަރާއި ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ބައްދަލުވުމުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު އިތުރަށް ފުޅާކޮށް ތަރައްގީ ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ޓުއަރިޒަމް މިނިސްޓްރީ އިން މައުލޫމާތު ދެއެވެ.
މީގެ އިތުރުން މި ދަތުރުފުޅުގައި މިނިސްޓަރު އަލީ ވަހީދު މެލޭޝިއާގެ ލިމްކޮކްވިންގް ޔުނިވާރސިޓީގެ ރައީސްއާ ބައްދަލު ކުރައްވާނެ ކަމަށް ޓުއަރިޒަމް މިނިސްޓްރީން މައުލޫމާތު ދެއެވެ. މި ބައްދަލުވުމުގައި ލިމްކޮކްވިންގް ޔުނިވާރސިޓީއިން ރާއްޖޭގެ ޓުއަރިޒަމް މިނިސްޓްރީ އަށް ފަތުރުވެރިކަމުގެ ސިނާއަތުގައި އިންސާނީ ވަސީލަތް ތަރައްގީކުރުމުގެ ފުރުސަތު ފަހި ކުރުމަށާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްމަށް ވަނީ ހަމަޖައްސާފައެވެ.
މެލޭޝިއާއަކީ ރާއްޖެއަށް އިރުމަތީ އޭޝިއާގެ ގައުމުތަކުގެ ތެރެއިން މިއަހަރު ޖުލައި މަހުގެ ނިޔަލަށް ދެވަނައަށް އެންމެ ގިނަ ފަތުރުވރިން ޒިޔާރަތް ކުރި ގައުމު ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.